ވިޔަފާރި

ވިޔަފާރިވެރިންގެ ކުރިއެރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ


ވިޔަފާރިވެރިންގެ ކުރިއެރުމަށް ކުރައްވަންޖެހޭ ކަންކަން ޚާއްޞަ އިސްކަމެއް ދެއްވައިގެން ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ ސަޢީދު މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް އަލަށް ގެނައި ވެހިކަލްތައް ރަސްމީގޮތުން އިފްތިތާޙުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ. މިނިސްޓަރ ވިދާޅުވީ، ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ޙައްލު ކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިވަޑައިގެން، މިއަހަރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް، ފަށްޓަވާފައިވާ ކަމަށެވެ.

މީގެ ތެރެއިން މިވަގުތަށް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ވިޔަފާރިވެރިންނަށް ވިޔަފާރީގެ މުޢާމަލާތްތަކުގައި ކުރިމަތިވާ ހުރަސްތައް ނައްތާލެއްވުމަށް ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. ވިޔަފާރިވެރިންނަށް ފަސޭހަގޮތެއްގައި ކަންކަން ހަމަޖައްސައިދެއްވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީއާއި، އެމްޕީއެލްއާއި ކަސްޓަމްސް ގުޅުވާލަދޭ ނިޒާމެއް ޤާއިމްކުރެއްވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މި ނިޒާމު ޤާއިމްކުރެއްވުމުން ވިޔަފާރިވެރިންނަށް މުދާ ކްލިއަރކުރުމުގައި ބޮޑު ފަސޭހަކަމެއް ލިބިގެންދާނެއެވެ.

ރާއްޖެއަށް އެތެރެކުރާ މުދަލުގެ މިންވަރު ދުވަހަކަށްވުރެ ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. އެއާއެކު އެމްޕީއެލްގެ ޚިދުމަތްތައް ފުޅާކުރުމަށް ހުޅުމާލޭގައި ހުންނަ ޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހުޅުމާލޭ ޕޯޓްގެ މަސައްކަތް ނިމުމުން، މުދާ ކްލިއަރކުރުމުގައި ވިޔަފާރިވެރިންނަށް ބޮޑަށް ފަސޭހައެއް ވާނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ޖުނައިދު ވިދާޅުވީ، އަލަށް ގެންނެވި ވެހިކަލްތަކުގެ ސަބަބުން އެމްޕީއެލްގެ އޮޕަރޭޝަންތަކަށް އިތުރު ހަލުވިކަމެއް އައިސްފައިވާ ކަމަށެވެ. މިއީ އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް 15 އަހަރަށްފަހު ގެނައި ފުރަތަމަ ވެހިކަލްތައްކަން ޖުނައިދު ފާހަގަކުރެއްވިއެވެ.

އަލަށް ގެނައި ވެހިކަލްތަކާއެކު މީގެކުރިން 4 ދުވަހުން ނިންމާ މަސައްކަތް 18 ގަޑިއިރުގެ ތެރޭގައި ނިއްމާލެވޭ ކަމަށް ޖުނައިދު ވިދާޅުވިއެވެ.

"މުދާ ކްލިއަރކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން އެމްޕީއެލްއިން ވަނީ، އަތޮޅުތެރެއަށާއި، ރިސޯޓްތަކަށާއި، ބައެއް މަޝްރޫޢުތަކަށް ގެންނަ މުދާ ކްލިއަރކުރުމުގެ މަސައްކަތް ހުޅުމާލޭގައި ހުންނަ އެމްޕީއެލް ޕޯޓް މެދުވެރިކޮށް ފަށާފައި. މިކަން މިގޮތަށް ހަމަޖެއްސުމުން އެމްޕީއެލް މާލޭ ޕޯޓްގެ މަސައްކަތް އިތުރަށް އަވަސްވެ، މާލެއަށް ބޭނުންވާ މުދާ ކްލިއަރކުރުމުގައި ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް ފަސޭހަވާނެ." އެމްޕީއެލް ސީއީއޯ މުޙައްމަދު ޖުނައިދު ވިދާޅުވިއެވެ.

އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން އަލަށް ގެނައި ވެހިކަލްތަކުގެ ޖުމްލަ އަގު 9.1 މިލިއަން ޑޮލަރަށް އަރައެވެ. މިއީ މުދާ އަރުވާ ބޭލުމަށް މިހާ ގިނަ ޢަދަދެއްގެ ވެހިކަލް އެމްޕީއެލްގެ ތާރީޚުގައިވެސް ގެނައި ފުރަތަމަ ފަހަރުކަމަށް އެމްޕީއެލްއިން ބުނެއެވެ.