ކުޅިވަރު

މިކްސް ނެޓްބޯޅަ މުބާރާތެއް މިއަހަރު ބާއްވަން ނިންމައިފި


ފުރަތަމަ ފަހަރަށް މިކްސް ނެޓްބޯޅަ މުބާރާތެއް ބާއްވަން ނެޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފިއެވެ. ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މިއަހަރުގެ ކަަލަންޑަރުގައި މުޅިން އަލަށް 2 މުބާރާތެއް ހިމަނާފައިވެއެވެ. 

މިކްސް ނެޓްބޯޅަ މުބާރާތުގެ އިތުރުން ކޮންމެ މުބާރާތެއްގައިވެސް ފިރިހެންބައެއް ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ. ނެޓްބޯޅަ އެސޯސިއޭޝަނުން މަޢުލުމާތުދިން ގޮތުގައި މިދިޔަ އަހަރުވެސް ބައެއް މުބާރާތަކުގައި ފިރިހެންބައިތައް ހިމަނާފައިވާކަމަށާ ނަމަވެސް އެކަށީގެންވާ ވަރުގެ ތަރުހީބެއް ލިބިފައެއްނުވެއެވެ. އެހެންކަމުން މިދިޔަ އަހަރު ފިރިހެން މުބާރާތެއް ބޭއްވިފައިނުވާކަން އެސޯސިއޭޝަނުން ފާހަގަކުރިއެވެ. މިއަަހަރު އިންޓަރ ސްކޫލް ކުދިންގެ މުބާރާތްތަކުގައިވެސް ފިރިހެންބައި ހިމަނާފައިވާނެކަމަށާއި، މީގެ އެންމެ ބޮޑު ބޭނުމަކީ ސްކޫލް ދައުރުން ފެށިގެން ކުދިން ނެޓްބޯޅައަށް ލޯބި ޖެއްސުންކަމަށް ނެޓްބޯޅަ އެސޯސިއޭޝަނުން މަޢުލުމާތުދިނެވެ. އަންހެން ނެޓްބޯޅަ މުބާރާތްތަކަށް ލިބެމުން އަންނަ ތަރުހީބު މިއަހަރު ފިިރިހެން މުބާރާތްތަކަށް ލިބޭނެކަމަށްވެސް ނެޓްބޯޅަ އެސޯސިއޭޝަނުން އުއްމީދު ކުރެއެވެ.

މިއަހަރުގެ ނެޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ވައިޑީޕީ ޕްރޮގްރާމުންނެވެ. އިންޓަރ އޮފީސް ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 1 ން އެމަހުގެ 28 އަށެވެ. އިންޓަރ ސްކޫލް މުބާރާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 1 ޖުލައިގައެވެ. އަދި ނެޓްބޯޅަ އެސޯސިއޭޝަން ޗެންޕިއަންޝިޕް ފެށުމަަށް ހަމަޖެހިފައިވަނީ 1 އޯގަސްޓްގައެވެ. ގައުމީ މުބާރާތް މިއަހަރު ތާވަލްކޮށްފައިވަނީ 29 ސެޕްޓެމްބަރުގައެވެ.