ޚަބަރު

ދިއްދޫ ދޯނި އެހެލާ ސަރަޙައްދު މާރޗް މަހު ބޭނުންކުރަން ފަށަނީ


ހއ. ދިއްދޫގައި ތަރައްޤީ ކުރައްވާ ދޯނި އެހެލާ ސަރަޙައްދުގެ މަސައްކަތް ނިންމައި، އަންނަ މާރޗް މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ދޯނި އެހެލާ ސަރަޙައްދަކީ 300 ފޫޓު ބޮޑު ސަރަޙައްދެކެވެ. ހއ. ދިއްދޫގައި ދޯނި އެހެލާ ސަރަޙައްދެއް ތަރައްޤީ ކުރައްވައި، އަދި ނެރުފައިކަށި ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ޙަވާލުކުރައްވާފައި ވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ. މި އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ އެ މަސައްކަތް އެދެވޭ ހަލުވިމިނެއްގައި ކުރިއަށް ނުގޮސް އަތުމަށްފަހު މިހާރު އެމްޓީސީސީން މިހާރު ވަނީ އެ މަސައްކަތް ފަށްޓަވާފައެވެ. ދިއްދޫ ދެކުނު ފަރާތުގައި ތަރައްޤީ ކުރައްވާ ދޯނި އެހެލާ ސަރަޙައްދަކީ، ޢާންމުކޮށް ދޯނިއެހެލާ ތަންތަން ހެދުމަށް ކުރާ މަސައްކަތަށްވުރެ ތަފާތު މަޝްރޫޢެއް ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އެ މަސައްކަތް ކުރާނީ "ލާޖް ސްކޭލް" ޕްރޮޖެކްޓެއްގެ ގޮތުގައެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝިނާން ވިދާޅުވީ، އެރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލާގެ ސަބަބުން މިހާރު ދޯނި އެހެލާނެ ސަރަޙައްދެއް ނެތުމަކީ އެރަށު މަސްވެރިންނާއި އޮޑިވެރިންގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ދޯނި އެހެލާ ސަރަޙައްދެއް ތަރައްޤީވެގެން ދިއުމަކީ އެފަރާތްތަކުގެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެކަމަށާއި، މި ސަރަޙައްދު ތަރައްޤީ ކުރެވުމުން ރަށުގެ އިޤްތިޞާދަށް ކުރިއެރުންތަކެއް އަންނަނާ ކަމަށް ޝިނާން ވިދާޅުވިއެވެ.

"ރަށުގެ މަސްވެރިންނާ އޮޑިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ރަށްގިރުމުގެ ސަބަބުން އޮޑި އެހެލާނެ އެކަށީގެންވާ ސަރަޙައްދެއް ނެތުން.  މިހާރު ދޯނި އެހެލުމަށް ގޮސް އުޅޭނީ ނ.އަތޮޅާ ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް." ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝިނާން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ދިއްދޫގެ ބީޗިން އޭރިއާއާ އެކު 90 މީޓަރުގެ ރިވެޓްމަންޓެއް ޖަހައި 90 މީޓަރުގެ ބްރޭކްވޯޓާއެއް ހަދައި ފުންކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަށް ސަރުކާރުގެ ބަޖެޓުން ޖުމްލަ 13.7 މިލިއަން ރުފިޔާ ޚަރަދުކުރައްވައެވެ.