ޚަބަރު

މާލޭ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢަށް ހުއްދަ ދެއްވައިފި


މާލޭ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް ސަރުކާރުން ހުއްދަ ދެއްވާފައިވާކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ގެނައި އާ ވެހިކަލްތައް ރަސްމީކޮށް ތަޢާރަފް ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އެމްޕީއެލްއިން ބޭނުންވާ ގޮތުގެ ތަފްސީލް ސަރުކާރުގެ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް، އީވައިސީއަށް ހުށައެޅުއްވި ކަމަށާއި، ބަނދަރު ބޮޑުކުރުމުގެ ހުއްދަ ސަރުކާރުގެ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން މިހާރު ދެއްވާފައިވާ ކަމަށެވެ. ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނޭ ކަމަށް ޖުނައިދު ވިދާޅުވިއެވެ.

މިހާރު މި ބަނދަރަށް ގާތް ކުރެވެނީ ފަހަރަކު އެއް ބޯޓަށް ކަމަށާއި، އެހެންނަމަވެސް ބަނދަރު ބޮޑުކުރުމުން މިޖާގަ އިތުރުވެ އެކަމުގެ މަންފާ ރާއްޖޭގެ ވިޔަފާރީގެ މައިދާނަށާއި އިޤްތިޞާދަށް ވަރަށް ބޮޑަށް ކުރާނޭ ކަމަށް ޖުނައިދު ވިދާޅުވިއެވެ.

އެމްޕީއެލްއިން ކުރިއަށްގެންދާ ޚިދުމަތްތައް ފުޅާކުރެއްވުމުގެ ގޮތުން ވޭތުވެދިއަ 3 އަހަރުދުވަހުގެ ތެރޭގައި ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެމްޕީއެލުން ބުނެއެވެ. އެމްޕީއެލުން ދެމުންދާ ޚިދުމަތްތައް ފުޅާކުރުމަށް މިއަހަރުގެ ތެރޭގައިވެސް ބޮޑެތި މަސައްކަތްތަކެއް ކުރާނެކަމަށް އެމްޕީއެލުން ބުނެއެވެ.