ޚަބަރު

ޑްރަގް ކޯޓަށް 2016 ގައި ހުށައެޅުނު މައްސަލަތަކުގެ ޢަދަދު އިތުރު


މިދިޔަ އަހަރު ޑްރަގް ކޯޓަށް ހުށައެޅުނު މައްސަލަތަކުގެ އަދަދު އެހެން އަހަރުތަކާއި ޚިލާފަށް ވަރަށް ބޮޑަށް އިތުރު ވެއްޖެއެވެ.

އެ ކޯޓުން ޢާންމުކުރައްވާފައިވާ 2016 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 1،525 މައްސަލަ އެކޯޓަށް ހުށައަޅާފައިވެއެވެ. ނަމަވެސް 2015 ވަނަ އަހަރު އެކޯޓަށް ހުށައަޅާފައިވާ މައްސަލަތަކުގެ ޢަދަކަކީ، 914 އެވެ. މިއީ 2015 ވަނަ އަހަރަށް ވުރެ 66 އިންސައްތަ އިތުރު ޢަދަދެކެވެ.

މިދިޔަ އަހަރު ޑްރަގް ކޯޓަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން 1،521 މައްސަލައަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ ކުރައްވައި، ހުށަހަޅުއްވާފައިވާ މައްސަލަތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ބާކީ 4 މައްސަލައަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު، ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ މީހުން ޑްރަގް ކޯޓްގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިކޮށްދިނުމަށް އޮންނަ ފުރުޞަތުގެ ދަށުން، އެ ކަމަށް އެދި ނޭޝަނަލް ޑްރަގް އޭޖެންސީ މެދުވެރިކުރައްވައި، ހުށަހެޅިފައިވާ މައްސަލަތައް ކަމަށްވެސް ޑްރަގް ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

2016 ވަނަ އަހަރު އެންމެ ގިނައިން ހުށައަޅަފައިވަނީ، ޑައިމޯފިން ބޭނުންކުރުމުގެ މައްސަލަތަކެވެ. އެއީ 795 މައްސަލަ. ޑްރަގް ކޯޓްގައި 5 ފަނޑިޔާރުން ތިއްބަވައެވެ. މިދިޔަ އަހަރު ހުށައަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ކޮންމެ ފަނޑިޔާރަކަށް 305 މައްސަލަ ޖެހެއެވެ. 2016 ވަނަ އަހަރު ޑްރަގް ކޯޓުން ބައްލަވައި ނިމުނު މައްސަލަތަކުގެ ޢަދަދަކީ 965 އެވެ.