ޚަބަރު

"ހިރާސްފާސް"ގައި މިހާރު ކުރިޔަށްދަނީ ނުބެލިހުރި ތަންތަން ބެލުން


މާލޭގެ ވޯރކްޝޮޕްތަކާއި ގުދަންތަކާއި، ކެފޭ ރެސްޓޯރަންޓްތަކުގެ ބަދިގެތަކުގެ ސަލާމަތީ ކަންކަން ބެއްލެވުމަށް "އޮޕަރޭޝަން ހިރާސްފާސް"ގެ ނަމުގައި އެމްއެންޑީއެފުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި މިހާރު ކުރިއަށްދަނީ، ކުރިން ބަންދުކޮށްފައި ހުރުމުގެ ސަބަބުން ނުބެލިހުރި ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތްތައް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުން ފެށިގެން އެމްއެންޑީއެފުން ކުރިއަށްގެންދަވާ "ހިރާސްފާސް" އޮޕަރޭޝަނުގައި ވަނީ ގިނަ ޢަދަދެއްގެ ވޯކްޝޮޕްތަކާއި ގަރާޖުތަކާއި ކެފޭ ރެސްޓޯރަންޓްތައް ބަލާ ފާސްކޮށްފައެވެ.

މިހާތަނަށް، ބަލައި ފާސް ނުކުރެވި ހުރީ އެކި ސަބަބުތަކާއި ހުރެ ބަންދުކޮށްފައި ހުރުމުގެ ސަބަބުން ނުވަދެވުނު ވާރކްޝޮޕްތަކާއި ގަރާޖުތައް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެފަދަ 25 ތަނެއް އެބަހުރިކަމަށާއި، އެތަންތަނުގެ ވެރިފަރާތްތަކާއި ގުޅިގެން އެފަރާތްތަކަށް ފަސޭހަފުޅު ވަގުތެއްގައި އެތަންތަން ބެއްލެވުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މާލޭގައި އަލިފާނުގެ ހާދިސާތައް ހިނގާ ނިސްބަތް އިތުރުވުމާއި ގުޅިގެން އެމްއެންޑީއެފުން ފެށި "ހިރާސްފާސް" އޮޕަރޭޝަނަކީ ކެފޭ ރެސްޓޯރަންޓުތަކުގެ ބަދިގެތަކާއި، މާލޭގައި ހުރި ވޯރކްޝޮޕްތަކާއި ގަރާޖުތަކުގެ ޙާލަތުހުރީ ދިމާވެދާނެ އަލިފާނުގެ ޙާދިސާއަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާފައިތޯ ބެއްލެވުމަށް ހިންގަވާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި އެތަންތަނުގެ އަލިފާން ނިއްވާ ނިޒާމުގެ ހާލަތު ދެނެގަނެ، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކުގެ ފެންވަރު ހުރީ ކިހާ މިންވަރަކަށްތޯ ބައްލަވަމުންދެއެވެ. މިހާތަނަށް ބެއްލެވި ގިނަ ތަންތަނުގައި އަލިފާން ނިއްވާނެ ރަނގަޅު އިންތިޒާމްތަކެއް ނެތްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެފައިވަނީ މި މަހުގެ ތެރޭގައި މާލެ ސަރަޙާއްދުގެ އޮޕަރޭޝަން ނިންމަވައި، އެތަންތަން ސަލާމަތީ ގޮތުން ހުންނަންޖެހޭ މިންގަނޑުގެ އުސޫލު އަލުން އެކުލަވާލައްވައި ޢާންމު ކުރައްވާނެ ކަމަށެވެ.