ޚަބަރު

ފުލުހުން ޓޯ ކޮށްފައިވާ 291 އުޅަނދެއް ނައްތާލައިފި


އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފްވެގެން ފުލުހުން ޓޯ ކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 291 އުޅަނދެއް ނައްތާާލައިފިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރައްވައިފިއެވެ. 

ފުލުހުން ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފުވެގެން އެކި ދުވަސްމަތިން ޓޯ ކޮށްފައިހުރި އުޅަނދުތަކުގެ ތެރެއިން އިއްޔެ ނައްތާލާފައިވަނީ 81 ސައިކަލަކާއި 210 ބައިސްކަލުކަމަށެވެ. އަދި މިތަކެތި ނައްތާލާފައިވަނީ ހިނގާފާނެ ހާދިސާއަކަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުޅަނދުތަކުގެ ބައިތައް ވަކިކުރުމަށްފަހު ބައިތައް ވަކިވަކިންކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިތަކެތި ނައްތާލާފައިވަނީ ޕޮލިސް ޓޯ ޔާޑުގައިކަމަށް ފުލުހުން ވިދާޅުވެއެވެ. 

މިއުޅަނދުތައް ނައްތާލާފައިވަނީ އުޅަނދުތަކާ ހަވާލުވުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް 60 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އުޅަނދުތަކާ ހަވާލުނުވުމުންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއެވެ.