ވިޔަފާރި

އައު އޭޕްރަންއާއެކު ޕްރައިވެޓް ޖެޓްތައް ގިނަވެއްޖެ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މައި ދޮރާށްޓެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށްޓަކައި ސަރުކާރުން ވަނީ، 800 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ފަށްޓަވާފައެވެ. އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތްތަކުގެ ތެރެއިން ނޯތު އޭޕްރަންގެ މަސައްކަތް ނިމި، އެތަން ބޭނުންކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނަން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ނަމަށް ބަދަލުކުރެއްވުމަށްފަހު، މިއަދު މި ފެށުނު މީލާދީ އައު އަހަރުގެ ފުރަތަމަ ދުވަހު އެއަރޕޯޓްގެ ނޯތު އޭޕްރަން ސަރަޙައްދުން ފެންނަނީ ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ޕާކްކޮށްފައިވާ މަންޒަރެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގަވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ހާމަކުރައްވާ ގޮތުގައި މިއަދު ވަނީ އެއަރޕޯޓަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ޖައްސާފައެވެ. އެހެންދުވަސްތަކާ ޚިލާފަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ޖައްސާފައިވާކަން ނޯތް އޭޕްރަންއަށް ބަލާލުމުން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ.

ޕީއެސްއެމުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރ ޙަސަން ޢަރީފް ވިދާޅުވީ، މިއަހަރުގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް ގިނަ ޢަދަދެއްގެ ޕްރައިވެޓް ޖެޓް ރާއްޖެ އަންނަމުންދާކަމަށެވެ. ޢަރީފް ވިދާޅުވީ މިއަދަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ރެކޯޑް އަދަދަކަށް ޕްރައިވެޓް ޖެއްސި ދުވަހެއްކަމަށެވެ.

"ޕްރައިވެޓް ޖެޓްތައް އަންނަން ބަލާއިރު، އެމީހުން ބަލާނެ އެއަރޕޯޓްގައި ޕާކްކުރުމުގެ ޖާގަ އޮތްތޯ. ނެތިއްޔާ ޕަސެންޖަރުން ބާލާފަ ބޯޓް ނައްޓާލާނެ އެހެން އެއަރޕޯޓްކަށް. މިހާރު އެމްއޭސީއެލްގެ ކެޕޭސިޓީ އެބަހުރި ވަރަށް ބައިވަރު ޖެތްތަކަށް ޚިދުމަތް ދެވޭވަރަށް" އަރީފް ވިދާޅުވިއެވެ. 

ޢަރީފް ވިދާޅުވީ ނޯތް އޭޕްރަން ބޭނުންކުރަން ފެށުމާއެކު ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު އިތުރުވެފައިވާކަމަށެވެ. އެއަރޕޯޓްގައި ގިނަ ޢަދަދެއްގެ ޖެޓްތައް ޕާކްކުރުމުގެ އިންތިޒާމް ހަމަޖެހުމާއެކު އެމްއޭސީއެލްއަށް ލިބޭ އާމްދަނީ އިތުރުވެފައިވާކަން ޢަރީފް ފާހަގަކުރެއްވިއެވެ. 

ޢަރީފް ވިދާޅުވީ މީގެކުރިން ޕްރައިވެޓް ޖެޓްތައް ރާއްޖެ އައިސް ޖެޓް ބޭއްވޭނޭ ގޮތެއް ނެތުމުގެ ސަބަބުން އަވަށްޓެރި ޤައުމުތަކަށްދާކަމަށެވެ. ނަމަވެސް މިހާރު އެކަން ބަދަލުވެފައިވާކަމަށާއި، ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތައް މަޑުކުރުމުގެ ފުރުޞަތު ލިބުމާއެކު ޖެޓްތައް މިހާރު ރާއްޖެއިން ފުރައިގެންދަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ތެޔޮވެސް އަޅައިގެންކަން ޢަރީފް ފާހަގަކުރެއްވިއެވެ. މީގެ ސަބަބުންވެސް އެމްއޭސީއެލްއަށް ލިބޭ އާމްދަނީ އިތުރުވެފައިވާކަމަށް އަރީފް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ޓޫރިޒަމްގެ ހައި ސީޒަނާއި، އައު އަހަރާ ދިމާކޮށް ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު އިތުރުވަމުން އަންނަކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ.