ސިއްހަތު

"މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ނިންމާލައިފި


"މޫދު ކަސްރަތުން އުފާވެރިކަން" މި ނަމުގައި ތިމަރަފުށީގައި ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

"މޫދު ކަސްރަތުން އުފާވެރިކަން" މި ޕްރޮގްރާމަކީ ތިމަރަފުށީ ޔޫތު ސެންޓަރުން އިންތިޒާމް ކުރައްވައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިޔާއާއި ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. އަންހެނުންނަށް ޚާއްޞަ ކޮށްގެން މިދިޔަމަހު ސައުވީހުގައި ފެށި މިޕްރޮގްރާމްގައި 56 މީހުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ތިމަރަފުށީ ޔޫތު ސެންޓަރގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވީ އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާއާއި ސިވިލް ސާރވިސް ކަމިޝަންގެ ބިއުރޯ ހެޑް ހަސަން ސިޔާމްއެވެ. img:http://s2.psmnews.mv/images/660x400/14833398993680.jpg|"މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ނިންމާލެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތުގައި ވަނީ މި ޕްރޮގްރާމުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި 3 ބައިވެރިން ފާހަގަކޮށް ހަނދާނީ ލިޔުންވެސް ދީފައެވެ. މި ޕްރޮގްރާމުން އެއްވަނަ ހޯދީ ޖުވޭރިޔާ އަލިފުޅެވެ. ދެވަނައަށް އައިޝަތު ލުހާ ހޮވުނު އިރު ތިންވަނަ އަށް ހޮވުނީ އާމިނަތު ޝަފާއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތިމަރަފުށީ ޔޫތު ސެންޓަރ ހިންގެވުމާއި ހަވާލުވެ ހުންނެވި އަޙުމަދު ނާޞިރު ވިދާޅުވީ، އެމްއެންޑީއެފްއާއި ގުޅިގެން ކުރިއަށްގެންދިޔަ 5 ދުވަހުގެ މި ޕްރޮގްރާމް، އެއް މަސްދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. img:http://s3.psmnews.mv/images/660x400/14832836724029.jpg|މޫދު ކަސްރަތުން އުފާވެރިކަން ޕްރޮގްރާމްގެ ބައިވެރިން / ފޮޓޯ: އެމްއެންޑީއެފް

"ހަޤީޤަތުގައި މި ޕްރޮގްރާމްގެ ބަތަލާއިންނަކީ ޕްރޮގްރާމްގެ ބައިވެރިން. އަޅުގަނޑު އެދޭއެދުމަކީ މިމަދު ދުވަސްކޮޅުގެ ތެރޭގައި ތި ލިބުނު މަޢުލޫމާތާއި އިރުޝާދުގެ އަލީގައި ޖެނުއަރީ ސައިވީހުގެ ނިޔަލަށް މިޕްރޮގްރާމް ކުރިއަށް ގެންގޮސްދިނުން. އަދި މިކަމުގައި މި މަރުކަޒުން ދެވެންއޮތް ހުރިހާ އެއްބާރުލުމެއް ދޭނެކަމުގައި ޔަޤީންކަންވެސް އަޅުގަނޑު އަރުވަން. އަޅުގަނޑު އުފާވަނީ މިފަދަ ހަރަކާތްތަކުގައި އަޅުގަނޑުމެންނަށް މުޅިން އާ މޫނުތަކެއް ފެނިގެން ދިޔައީމަ" ތިމަރަފުށީ ޔޫތު ސެންޓަރ ހިންގެވުމާއި ހަވާލުވެ ހުންނެވި އަޙުމަދު ނާޞިރު ވިދާޅުވިއެވެ. 

މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ އެމްއެންޑީއެފްގެ ބޭކަލުންނެވެ. ޕްރޮމްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޕްރޮގްރާމްގައި ކިޔަވައިދެއްވި މުދައްރިބުން ހުށައެޅުއްވި ޕްރެޒެންޓޭޝަންގައި ވަނީ މި ޕްރޮގްރާމްގެ ސަބަބުން ބައިވެރިންނަށް ލިބުނު ކުރިއެރުންތައް ޙިއްސާ ކުރައްވާފައެވެ.

"އެބޭފުޅުންގެ ބަރުދަން ލުއިވެ ހެލިފެލިއުޅެން ފަސޭހަވެ އުނަގަނޑުގެ ސައިޒް ކުޑަވެ، ފާޚާނާ ކުރުމަށް ފަސޭހަވެ، ހަމަނިދި ލިބި، ފަސޭހަ ކަމާއެކު ނަމާދު ކުރެވި، ކޮންމެ ދުވަހަކު ފަތިސްނަމާދު އޭގެ ވަގުތުގައި ކުރެވި، ގައިގެ އެކިދިމަދިމާލަށް އަރާފައިވާ ތަދުތައް ފިލާ، ކަކުލުގައި ރިހުމާއި ބުރަކަށީގައި ރިހުން ފިލާ، ކެއުން ބަހައްޓަންވީ ރީތި އާދަތައް ދަސްވެ، ގިނަ ކަސްތަރުތައް ދަސްވެ، އެކަކުއަނެކަކާ ގުޅުންބަދަހިވެ، އެކަކުއަނެކަކު ސަލާމްކޮށް ހާލުބެލުމުގެ ރީތި އާދަތައް ހަށިގަނޑުގައި އަށަގަނެ، ހިތުގެ އުދާސްތައް ފިލާގޮސް ސްޓްރެސް ފިލާ، ނޭވާލާން ފަސޭހަވެފައިވާކަން މި ތިއްބެވި ބައިވެރިން ފާހަގަކުރާކަން އެއީ އަޅުގަނޑު ހިތުން މި ޕްރޮގްރާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް." ސާރޖަންޓް ފަސްޓްކްލާސް އިސްމާއީލް އަޙްމަދު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ބައިވެރިން ޕީއެސްއެމްއާއި ވާހަކަދައްކަމުން ބުނީ މި ޕްރޮގްރާމްގެ ސަބަބުން ހަށިގަނޑަށް ލުއިވެ ރަނގަޅު އާދަތަކެއް ދަސްވެއްޖެކަމަށެވެ. މޫދު ކަސްރަތުން އުފާވެރިކަން މި ޕްރޮގްރާމް މީގެ ކުރިން ވެސް އެމްއެންޑީއެފުން ވަނީ ދެރަށެއްގައި ހިންގަވާފައެވެ. އެއީ ފ. ނިލަންދޫއާއި މ. މުލީގައެވެ.