ވިޔަފާރި

އިންޑިއާ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލަކަށް ރާއްޖެ!


2017 ވަނަ އަހަރު އިންޑިއާ ފަތުރުވެރިން އެންމެ ގިނައިން ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ މަންޒިލުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ސްކައިސްކޭނަރއިން ހާމަކޮށްފިއެވެ.

މިލިސްޓުގައި ހިމެނޭ މަންޒިލްތަކަކީ، ސިންގަޕޫރު، އޮސްޓްރޭލިއާ، މެލޭޝިއާ އަދި ސައުތު އެފްރިކާއާއި، ދިވެހިރާއްޖެއެވެ. ސްކައި ސްކޭނަރއިން ފާހަގަކޮށްފައިވާ ގޮތުގައި، 2016 ވަނަ އަހަރު ރާއްޖެއަށް ގިނަ ޢަދަދަކަށް އިންޑިއާ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި ޚާއްޞަގޮތެއްގައި 2016 ވަނަ އަހަރު އިންޑިއާގެ ގިނަ ޢަދަދެއްގެ ފަންނާނުން ރާއްޖެ ޒިޔާރަތްކޮށްފައިވާކަން ސްކައިސްކޭނަރއިން ފާހަގަކޮށްފައިވެއެވެ.

ޓްރެވަލް ބުކިންގ ވެބްސައިޓެއް ކަމަށްވާ، ސްކައިސްކޭނަރއިން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުން 2017 ވަނަ އަހަރު އިންޑިއާ ފަތުރުވެރިންގެ މެދުގައި އެންމެ ބޮޑު މަޤްބޫލްކަމެއް ލިބިގެންދާނެ 5 މަންޒިލުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ސްކައިސްކޭނަރގެ މި ދިރާސާ ބިނާކޮށްފައިވަނީ ފާއިތުވި 3 އަހަރު ދުވަހު އިންޑިއާ ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވާ މަންޒިލްތަކަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން 2017 ވަނަ އަހަރު، އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް ސްކައިސްކޭނަރއިން ލަފާކުރެއެވެ. އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 50،369 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 26.4 އިންސައްތަ އިތުރު ޢަދަދެކެވެ.