ވިޔަފާރި

އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް މިއަދުން ފެށިގެން ހުށައަޅަންޖެހޭ


އަހަރަކު 20 މިލިއަނާއި، 30 މިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުން އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް މިއަދުން ފެށިގެން ހުށައަޅަން ޖެހޭނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވީ، ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އަހަރަކު ވިހި މިލިއަނާއި ތިރީސް މިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުން ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ފަހުން ފެށޭ މުއްދަތުތަކުގެ ޖީ.އެސް.ޓީ ބަޔާނާއެކު އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް ހުށައަޅަން ޖެހޭނެ ކަމަށެވެ.

މީރާއިން ނެރެފައިވާ ސަރކިއުލާއެއްގައި ވާގޮތުން، މި ތާރީޚުގެ ފަހުން ޖީ.އެސް.ޓީ ބަޔާނާއެކީ ހުށަހަޅަންޖެހޭ އައުޓުޕުޓް ޓެކްސް ސްޓޭޓްމަންޓާއި އިންޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށައަޅަންވާނީ މީރާގެ އޮންލައިން ޕޯޓަލް މީރާ ކަނެކްޓް މެދުވެރިކޮށެވެ.

ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން އެންމެ ފުރަތަމަ ޖީ.އެސް.ޓީ ބަޔާނާއެކީ އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށައަޅަން ލާޒިމުކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެއީ އަހަރަކު ފަންސާސް މިލިއަން ރުފިޔާއަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކެވެ.