މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ފޭނުންނަށް އުފާވެރި ޚަބަރެއް


މުނިފޫހިފިލުވުމުގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހުޅުވާލަދިން އެންމެ އަގުހުރި ފުރުޞަތަކަށް ވެފައިވަނީ ޕަބްލިކް ސަރވިސް މީޑިއާއިން ހުޅުވާލި މޯލްޑިވިއަން އައިޑަލްގެ ފުރުޞަތެވެ. ފުރަތަމަ ފަހަރަށް ފްރެންޗައިޒް އުޞޫލުން ބައިނަލްއަޤްވާމީ ބްރޭންޑެއްކަމަށްވާ އައިޑަލް، ރާއްޖެއަށް ތަޢާރަފްކޮށް "މޯލްޑިވިއަން އައިޑަލް"ގެ ނަމުގައި ވަނީ ލަވައާއި މިއުކިޒްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވެފައި ތިބި ޒުވާނުންނަށް މުޅިން އާ ޕްލެޓްފޯމެއް ޕީ.އެސް.އެމްއިން ފަހިކޮށްދީފައެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާ އަގުބޮޑު ރިއަލިޓީ ޝޯވއެއް ޓީވީ ޗެނަލަކުން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރުވެސްމެއެވެ. މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގެ ކާމިޔާބަށްފަހު ސީޒަން ދޭއް ބާއްވާނެ ތާރީޚް މިހާރު ވަނީ އިޢުލާންކޮށްފައެވެ. އެގޮތުން މޯލްޑީވިއަން އައިޑޮލްގެ ސީޒަން ދޭއް ޓީވީއެމުން ދައްކަން ފަށާނީ މި ޖެނުއަރީމަހުގެ ހަތާވީސް ވަނަ ދުވަހުއެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ އޮޑިޝަންތައް މިހާރު ވަނީ ނިންމާލާފައެވެ. އޮޑިޝަންތައް ބާއްވާފައިވަނީ މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ، ލ.ގަން، އަދި ބ. އޭދަފުށީގެ އިތުރުން، ހދ. ކުޅުދުއްފުށީގައެވެ.

މިފަހަރުގެ ސީޒަންގައި ޖަޖުންގެ ޕެނަލުން ފެނިގެންދާ 3 ފަންނާނުންނަކީ، މަރިޔަމް އުނޫޝާ، އިބްރާހީމް ޒައިދު ޢަލީ އަދި އިސްމާޢީލް އައްފާންއެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ބޮޑު ކާމިޔާބަށްފަހު، މިހާރު، ގިނަ ބަޔަކު އައިޑަލްގެ ސީޒަން ދޭކަށް އިންތިޒާރު ކުރަމުންދާކަމީ، މި ޝޯވއަށް ދިވެހި ޒުވާނުންގެ ފަރާތުން ލިބޭ ތަރުޙީބު ރަމްޒުކޮށްދޭ އެއް ހެއްކެވެ. މޯލްޑިވިއަން އައިޑޮލްއިން ވިދާލި ފަންނާނުންނަށް ގިނަ ފުރުޞަތުތަކެއް ފަހިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އައިޑަލްގެ ފުރަތަމަ ސީޒަންގެ ފައިނަލްގައި ފިރިހެން 2 ބައިވެރިންނާ ވާދަކުރުމަށްފަހު، ފުރަތަމަ މޯލްޑިވިއަން އައިޑަލް ޙާޞިލްކޮށްފައިވަނީ، ލައިޝާ ޖުނައިދެވެ. މިއީ އައިޑަލް ފްރެންޗައިޒްގެ ދެކުނު އޭޝިއާގެ ތާރީޚްގައިވެސް އަންހެން ބައިވެރިއަކު، އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފްރެމެންޓަލް މީޑިއާއިންވެސް ވަނީ ފާހަގަކޮށްފައެވެ.

އައިޑަލްގެ ސީޒަން އެކަކަށްވުރެ، ސީޒަން 2 އެތައް ގޮތަކުން ފުރިހަމަ ޝޯވއަކަށް ހެދުމަށް ފްރެމެންޓަލް މީޑިއާގެ ފަންނީ އެހީތެރިކަމާއެކު، ޕީ.އެސް.އެމްގެ އައިޑަލް ޕްރޮޖެކްޓް ޓީމުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.