ސިއްހަތު

އައިޖީއެމްއެޗްގައި އުފަންވެނިވި ޞިއްޙަތުގެ ޚިދުމަތް ފަށަނީ


އުފަންވެނިވި ޞިއްޙަތުގެ ޚިދުމަތް، އަންނަ ހަފްތާގައި ފަށްޓަވާނެކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއްޖެއެވެ.

އައި.ޖީ.އެމްއެޗުގެ ޔޫރޯ ރީނަލް ފަރޓިލިޓީ ސެންޓަރުގެ ޚިދުމަތް ފުޅާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ޕީ.އެސް.އެމްއާ ޙިއްޞާކުރައްވަމުން، އެހޮސްޕިޓަލުގެ ޑިރެކްޓަރ، ޕީ.އާރް އެންޑް މީޑިއާ އަޙްމަދު މަޢުސޫމް ވިދާޅުވީ، އުފަންވަނިވި ޞިއްޙަތުގެ ޚިދްމަތް އަންނަމަހު ފެށްޓެވުމަށް ނިންވަމާފައިވާކަމަށެވެ. އަދި މި ޚިދްމަތް ހޯދަން ބޭނުންވާ މީހުން ނަންނޯޓްކުރުމުގެ ފުރުޞަތު މިދިޔަ ބުދަދުވަހު ހުޅުއްވާލައްވާފައިވާ ކަމަށާއި، މިހާތަނަށް ދުއިސައްތައަށްވުރެ ގިނަ މީހުން ނަންނޯޓްކޮށްފައިވާކަމަށް މަޢުސޫމް ވިދާޅުވިއެވެ.

"ނޭޝަނަލް ޔޫރޯ ރީނަލް ފަރޓިލިޓި ސެންޓަރުގެ ޚިދުމަތް އިތުރަށް ފުޅާކުރެއްވުމުގެ ގޮތުން 2017 ވަނަ އަހަރު އުފަންވަނިވި ޞިއްޙަތުގެ ޚިދްމަތް ފެއްޓެވުމަށް މިހާރު ވަނީ ހަމަޖެހިފައި. އެގޮތުން، ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހު ކޮންސަލްޓޭޝަންތައް މިފަށަނީ. އެޕޮއިންޓްމެންޓް ހޯދުމަށް ހުޅުވާލި ފުރުޞަތުގައި 230 އަށް ވުރެ ގިނަ މީހުން މިވަނީ ނަންނޯޓްކޮށްފައި. މިހާރު ނަންނޯޓް ކުރި މީހުންނަށް އެޕޮއިންޓްމެންޓްވސް ދޫކުރަން ފަށައިފިން. މިއީ، އާސަންދައިގައި ހިމެނޭ ޚިދްމަތެއް ނޫންކަމުން މި ޚިދްމަތް ދޭނީ އަގު ނަގައިގެން..." މަޢުސޫމް ވިދާޅުވިއެވެ.



އައި.ޖީ.އެމް.އެޗުގައި ޤާއިމްކުރައްވާފައިވާ "ނޭޝަނަލް ޔޫރޯ ރީނަލް ފަރޓިލިޓީ ސެންޓަރަކީ، ދަރިމައިވުމުގެ މައްސަލަތަކާއި، ކުޑަކަމުދާ ނިޒާމްގެ ބަލިތަކާއި، ކިޑްނީ ބަލިތަކަށް ފަރުވާދެއްވުމަށްޓަކައި، އިންޑިއާގެ އެން.ޔޫ ހޮސްޕިޓަލުގެ ފަންނީ އެހީތެރިކަމާއެކު ޤާއިމްކުރައްވާފައިވާ މަރުކަޒެކެވެ. މިސެންޓަރުގައި، އެދާއިރާއިން މިހާރު ރާއްޖޭގައި ލިބެން ނެތް ގިނަ ޚިދްމަތްތަކެއް މިހާރުވެސް ދެއްވަމުން ގެންދަވައެވެ. އުފަންވެނިވި ޞިއްޙަތުގެ ޚިދްމަތް އަންނަމަހު ފަށްޓަވާއިރު، މި ޚިދްމަތް ދެއްވާނީ އިންޑިއާގެ އެން.ޔޫ ހޮސްޕިޓަލުގެ ފަންނީ މާހިރުންނާއި، އައި.ޖީ.އެމް އެޗުގެ ޑޮކްޓަރުންގެ ޓީމެއް ގުޅިގެން ކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.