ޚަބަރު

ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދުވެއްޖެ


ނިމުނު އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދުގެ އޭގެ ކުރީ އަހަރަށްވުރެ މަދުވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރެއްވި ތަފާސް ހިސާބުތައް ދައްކާގޮތުން 2015 ވަނަ އަހަރު 13729 މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާއިރު، ނިމުނު 2016 ވަނަ އަހަރު ހުށަހަޅާފައިވަނީ 13568 މައްސަލައެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ނިސްބަތުން 2016 ގައި މަދުވެފައިވާ ދާއިރާތަކުގެ ތެރޭގައި މާރާމާރީއާއި ޖިންސީ ގޯނާކުރުމާއި ވައްކަމުގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި މުދަލަށް ގެއްލުންދިނުމާއި ޚިޔާނާތުގެ މައްސަލަތައް ހިމެނެއެވެ.

މާރާމާރީގެ 778 މައްސަލަ 2016 ވަނަ އަހަރު ހުށަހެޅިފައިވާއިރު 2015 ވަނަ އަހަރު 932 މައްސަލަ ހުށަހެޅިފައިވެއެވެ. ވައްކަމުގެ 3994 މައްސަލަ 2015 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 3616 މައްސަލައެވެ. ޖިންސީ ގޯނާގެ މައްސަލަތަކަށް ބަލާލާއިރު މިދިޔަ އަހަރު 466 މައްސަލަ ހުށަހެޅިފައިވާއިރު 2015 ވަނަ އަހަރުގެ މިފަދަ 534 މައްސަލައެއް ހުށަހެޅިފައިވެއެވެ.

img:http://s3.psmnews.mv/images/660x400/14598764049645.jpg|ޕޮލިސް ހެޑްކުއާޓާޒް - ފޮޓޯ: ޕީއެސްއެމް ނިއުސް ފައިލް

ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާލާއިރު 2015 ވަނަ އަހަރު 341 މައްސަލަ ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 304 މައްސަލައެވެ. މުދަލަށް ގެއްލުން ދިނުމުގެ 535 މައްސަލައެއް 2015 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 356 މައްސަލައެވެ. ޚިޔާނާތުގެ މައްސަލަތަކަށް ބަލާލާއިރު 2015 ވަނަ އަހަރު 743 މައްސަލައެއް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 521 މައްސަލައެވެ.

2015 ވަނަ އަހަރާ އަޅާބަލާއިރު، ފޭރުމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ޓްރެފިކް މައްސަލަތަކާއި ކައުންޓަރފީޓް އަދި ފޯޖަރީގެ މައްސަލަތަކާއި ޗެކް ބައުންސްގެ މައްސަލަތަކާއި ގެއްލިގެން ހުށަހެޅޭ ތަކެތީގެ މައްސަލަތައް މިދިޔަ އަހަރު ވަނީ އިތުރުވެފައެވެ.

އެގޮތުން ފޭރުމުގެ 545 މައްސަލައެއް 2015 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 716 މައްސަލައެވެ. މަސްތުވާތަކެތީގެ 2079 މައްސަލައެއް 2015 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު 2016 ވަނަ އަހަރު ހުށަހެޅިފައިވަނީ 2378 މައްސަލައެވެ. 

img:http://s4.psmnews.mv/images/660x400/14651079208828.jpg|ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން- ފައިލް ފޮޓޯ: ޕޮލިސް މީޑިއާ

ޓްރެފިކް މައްސަލަތަކަށް ބަލާލާއިރު 2015 ވަނަ އަހަރު 2044 މައްސަލަ ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 2242 މައްސަލައެވެ. ކައުންޓަރފީޓް އަދި ފޯޖަރީގެ 91 މައްސަލަ 2015 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު 97 މައްސަލަ ވަނީ ހުށަހެޅިފައެވެ. އަދި 2015 ވަނަ އަހަރު ޗެކް ބައުންސްގެ 179 މައްސަލައެއް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ޗެކް ބައުންސްގެ 265 މައްސަލައެއް ހުށަހެޅިފައިވެއެވެ. ގެއްލިގެން ހުށަހެޅޭ ތަކެތީގެ 1721 މައްސަލައެއް 2015 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވަނީ 1829 މައްސަލައެވެ.

2015 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކާ އަޅާބަލާއިރު މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު މަދުކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރައްވައެވެ.