ތަޢުލީމު

އައިޔޫއެމްގެ 40 ސްކޮލަރޝިޕް އެކްސަލް އިންޓަރނޭޝަނަލް ސްކޫލަށް!


ރާއްޖޭގައި ހިންގާ އަމިއްލަ ޕްރީ ސްކޫލެއް ކަމަށްވާ އެކްސަލް އިންޓަރނޭޝަނަލް ސްކޫލަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން 40 ސްކޮލަރޝިޕް ފުރުޞަތު ދީފިއެވެ.

ދިވހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އެކަޑިމް ޙައްވާ ލަޠީފް ވިދާޅުވީ، މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުއްވާލައްވާނެ ކަމަށެވެ. އެކްސެލް ޕްރީ ސްކޫލަށް ދިން ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އެސްކޫލްގެ ފަރާތުން ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ. އަދި  ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާއި އެކްސަލް އިންޓަރނޭޝަން ސްކޫލާ ދެމެދު ވަނީ އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ޓީޗަރުން ތަމްރީނު ކުރެއްވުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވާފައެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ވައިސް ޗާންސެލަރ އެކަޑަމިކް، ޙައްވާ ލަތީފް ވިދާޅުވީ، އެއްބަސްވުމުގެ ދަށުން، އެސްކޫލުގެ ޓީޗަރުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ތަފާތު އެކި ޕްރޮގްރާމްތަކުގައި ތަމްރީނު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެކްސަލް އިންޓަރނޭޝަނަލް ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މަރިޔަމް ހަބްލާ ވިދާޅުވީ، އައިޔޫއެމް ފަދަ ޔުނިވަރސިޓީއާއެކު އެސްކޫލްގެ ޓީޗަރުން މަތީ ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު ލިބިގެންދިއުމަކީ، އެސްކޫލަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ. އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގައި އެއްހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުންދެއެވެ. އެސްކޫލުން ދަނީ ޕްރައިމަރީ ގްރޭޑުތައް ތަޢާރަފް ކުރެއްވުމުގެ މަސައްކަތް ކުރަމުން ކަމަށް އެކްސަލް އިންޓަރނޭޝަނަލް ސްކޫލުން ވިދާޅުވެއެވެ.