ތަޢުލީމު

ޤުރުއާން ޓީޗަރުން ތަމްރީން ކުރުމަށް ހުށަހެޅުމުގެ ފުރުޞަތު


އެރަށެއްގެ ސްކޫލަކަށް ބޭނުންވާ ޤުރުއާން ޓީޗަރުން ތަމްރީން ކުރުމަށް އެރަށަކުން ކެންޑިޑޭޓުން ހުށަހެޅުމުގެ ފުރުޞަތު އެޑިޔުކޭޝަން މިނިސްޓްރީން އެރަށްރަށަށް ދެއްވަން ފަށްޓަވައިފިއެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅިވީ ޤުރުއާން ޓީޗަރުން ބިނާކުރެއްވުމަށް ޤުރުއާނާބެހޭ މަރުކަޒާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރާއްޖޭގައި ޤައުމީ އައު މަންހަޖަށް ޢަމަލުކުރައްވަން ފެއްޓެވުމާއެކު، ޤުރުއާނަކީ ވަކި ވާއްދާއެއްގެ ގޮތުގައި ހަމަޖައްސަވައި އެކަމަށް ޚާއްޞަ ޓީޗަރުން ބައިތިއްބަވަން ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން އައު މަންހަޖާއެކު ޤުރުއާން މަޖްބޫރު މާއްދާއެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔުމުން، ޤުރުއަން ކިޔަވައިދެއްވާނެ ޓީޗަރުން ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. މިއާއެކު ޤުރުއާން ޓީޗަރުން އުފެއްދުމުގެ ޚާއްޞަ ޕްރޮގްރާމްތަކެއް ސަރުކާރުން ހިންގަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ޤުރުއާން ކިޔަވައިދެވާނެ ޓީޗަރުން ވަނީ ހަމަޖައްސަވާފައެވެ. ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވީ، ޤުރުއާން ޓީޗަރުން މަދު ރަށްރަށުން، އެރަށެއްގެ ކައުންސިލުން ނުވަތަ ސްކޫލުން މީހަކު ނުވަތަ މީހުން ހޮއްވަވައި އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅުއްވުމުން، އެޑިއުކޭޝަން މިނިސްޓްރީގެ ޚަރަދުގައި އެމީހަކު ތަމްރީނު ކުރެއްވުމުގެ ހުރިހާ ކަމެއް ހަމަޖައްސަވާނެ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ ކޮންމެ އަހަރެއްވެސް ނިމި، ކުރިޔަށް އޮތް ދިރާސީ އަހަރު ފެށޭއިރު ޓީޗަރުން އެހެން ތަންތަނަށް ބަދަލުވަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ޓީޗަރުން ހަމަކުރެއްވުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ. އެހެންނަމަވެސް އެޑިއުކޭޝަންގެ ޚަރަދުގައި މީހަކު ތަމްރީނު ކުރެއްވުމުން ކަނޑައެޅޭ ވަކިތަނެއްގައި އެމީހަކު މަސައްކަތްކޮށް، ޓީޗަރުން ލިބުމުގައި ހުރި ދަތިތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.