ޚަބަރު

މޫސުމުގެ މަޢުލޫމާތުހޯދާ ނިޒާމު 75 ސަރަޙައްދެއްގައި ޤާއިމްކުރަނީ


ރާއްޖޭގެ 75 ސަރަޙައްދެއްގައި މޫސުން ކުރިއަށް ލަފާކުރާގޮތުގެ މަޢުލޫމާތު ހޯދާ ނިޒާމް އަންނަ އަހަރުގެ ނިޔަލަށް ޤާއިމްކުރައްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ. މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޓޮމެޓިކް 20 ވެދަރ ސްޓޭޝަންސް ސްޓޭޝަން އެބަހުއްޓެވެ.

މޫސުން ކުރިއަށް ލަފާކުރެއްވުމަށް 5 ސަރަޙައްދެއްގައި ޤާއިމްކުރައްވާފައިވާ ސްޓޭޝަންތަކުގައި 24 ގަޑިއިރު މުވައްޒަފުން ބައިތިއްބަވައިގެން މޫސުން ބައްލަވަމުން ގެންދަވައެވެ. 24 ގަޑިއިރު މުވައްޒަފުން ބައިތިއްބަވައިގެން ބަލަހައްޓަވާ ތަންތަނަކީ، ހުޅުލެ، ހދ.ހަނިމާދޫ، ލ.ކައްދޫ، ގދ.ކާޑެއްދޫ އަދި އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓެވެ. މުވައްޒަފުން ނެތި މޫސުމީ މަޢުލޫމާތު ހޯދޭ ނިޒާމް ނުވަތަ، އޮޓޮމެޓިކް ވެދަރ ސްޓޭޝަންސް މީގެ އިތުރަށް 20 ސަރަޙައްދެއްގައި މޫސުމާބެހޭ ޤައުމީ އިދާރާއިން ޤާއިމްކުރައްވާފައިވެއެވެ.

އޮޓޮމެޓިކް ވެދަރ ސްޓޭޝަނަކީ ކޮންމެ 10 މިނެޓަކުން އެއްފަހަރު މޫސުން ލަފާކުރާގޮތުގެ މަޢޫލޫމާތު އަޕްޑޭޓްކޮށްދޭ ނިޒާމެކެވެ. މޫސުމާބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއަލޮޖިސްޓް ޢަބްދު ﷲ ޙާފިޒް ވިދާޅުވީ، އަންނަ އަހަރުގެ މެދެއްހާ ތާނގައި ރާއްޖޭގެ 25 ސަރަޙައްދެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ޤާއިމްކުރައްވައި ނިމޭނެ ކަމަށެވެ. އަދި 2017 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 75 ސްޓޭޝަން ޤާއިމް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން މޫސުމާބެހޭ މަޢުލޫމާތު އެއްކުރައްމުން ގެންދަވާއިރު، ދެ ސެޓެލައިޓުން ސީދާ މަޢުލޫމާތު ލިބެމުންދެއެވެ. ޙާފިޒް ވިދާޅުވީ، މޫސުމާބެހޭ، ގާތްގަނޑަކަށް 35 އަހަރު ދުވަހުގެ މަޢުލޫމާތު އެ އިދާރާގައި ރައްކާކުރެވިފައިވާ ކަމަށާއި، އެ މަޢުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގެ މޫސުމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ދައްކާ ކަމަށެވެ. އެގޮތުން ހޫނު މޫސުމާއި، ވިއްސާރަ މޫސުމުގައި އެ ތަފާތުތައް ކޮންމެވެސް ވަރަކަށް ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މި ތަފާތުތައް އަންނަ ސަބަބެއް ކަމަށް ބެލެވެނީ، އެލްނީނިއޯ އަދި ލާނީނިއާގެ ސަބަބުން ދުނިޔޭގެ އެހެން ސަރަޙައްދުތަކަށް އަންނަ ކަންތައްތަކުން ރާއްޖެއަށް ނުސީދާކޮށް ކުރާ އަސަރުތަކެއް ކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ، ވައިގެ ދަތުރުފަތުރުކުރާ އެއަރލައިންތަކަށް މަޢުލޫމާތު ދެއްވުމެވެ. ދުނިޔޭގެ ކޮންމެ ސަރަޙައްދެއްގައި މޫސުން އޮންނަ ގޮތުގެ މަޢުލޫމާތު ހޯއްދެވުމުގެ ޤާބިލްކަން އެ އިދާރާއަށް ލިބިގެންވާއިރު، ދުނިޔޭގެ އެކި ސަރަޙައްދުތަކުން ވައިގެ ދަތުރުކުރާ މަތިންދާ ބޯޓުތައް މައްޗަށް އަރަން ބޭނުންވާ ލެވެލްތަކުގެ ތަފްޞީލްވެސް އެ ސެންޓަރަށް ލިބެމުންދެއެވެ.

މޫސުން ކުރިއަށް ލަފާކުރާ ގޮތް ދެނެގަތުމުގެ މަސައްކަތުގައި އެ އިދާރާގެ މުވައްޒަފުން ދަނީ 24 ގަޑިއިރު ޙަރަކާތްތެރިވަމުންނެވެ.