ޚަބަރު

އެއަރޕޯޓްގައި މިސްކިތްތަކަށް އެހީވުމަށް ފަންޑް ފޮއްޓެއް


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިސްކިތްތަކަށް އެހީވުމަށް ފަންޑް ފޮއްޓެއް ބަހައްޓައިފިއެވެ.

އެމްއޭސީއެލްއިން މި ފަންޑްފޮށި ބަހައްޓާފައިވަނީ އެކަމަށްޓަކައި އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމްއޭސީއެލް އިން މިފަހަރު ފަންޑްފޮށި ބަހައްޓާފައިވަނި، އައިއެންއައިއޭގެ ޑޮމެސްޓިކް ޓާމިނަލުގައެވެ. މިކަމާއި ބެހޭގޮތުން އެމްއޭސީއެލްއިން ބުނީ، މިސްކިތްތަކަށް އެހީވުމަށް ކައިރި މުސްތަޤްބަލެއްގައި އިތުރު 2 ފަންޑުފޮށި ބަހައްޓާނޭ ކަމަށެވެ.

އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ޚިދުމަތް ލިބިގަންނަ ދަތުރުވެރިންގެ އިތުރަށް އެމްއޭސީއެލްގެ މުވައްޒަފުންނާއި، އެކިއެކި ބޭނުންތަކުގައި އެއަރޕޯޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ ފަންޑް ފޮއްޓަށް ހައިރާތްކުރުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އެމްއޭސީއެލްއިން އިތުރަށް ބުނީ، އެކިއެކި ފަރާތްތަކުން ފަންޑް ފޮއްޓަށް ހައިރާތުކުރާ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ، އިސްލާމިކް މިނިސްޓްރީން ޤާއިމްކޮށްފަވާ މިސްކިތްތަކާބެހޭ ފަންޑަށް ކަމަށެވެ.

އެމްއޭސީއެލް އިން އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފަންޑް ފޮއްޓެއް ބަހައްޓާފައިމިވަނީ ރާއްޖެ އިސްލާމްވި ދުވަސްފާހަގަކުރުމާއި ގުޅިގެންކަން ފާހަގަކޮށްލެވެއެވެ.