ޚަބަރު

ތަހުޒީބާ ކުރިއެރުމުގެ އެންމެ މުހިންމު ތަނބަކީ ދިވެހިރާއްޖޭގެ އަޑު


މިޤައުމުގެ ތަހުޒީބާއި ކުރިއެރުމުގެ އެންމެ މުހިންމު ތަނބަކީ ދިވެހިރާއްޖޭގެ އަޑުކަމަށް ޕަބްލިކް ސާރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވެއްޖެއެވެ. ޚަލީލް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ 54 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ސްޓާފް ނައިޓްގައި ވާހަކަދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ އަޑުގެ 54 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ސްޓާފް ނައިޓްގައި ވާހަކަ ދައްކަވަމުން، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ދިވެހިރާއްޖެ މިއަދު މިދެކޭ ތަރައްޤީގައި ދިވެހިރާއްޖޭގެ އަޑުގެ ދައުރު ވަރަށް ބޮޑުކަމަށެވެ. ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލް ދެމެހެއްޓުމާއި، އެއް ޤައުމެއްގެ ގޮތުގައި މި ޤައުމު ބޭއްވުމާއި، އިސްލާމްދީނުގައި ސާބިތުވެ ތިބުމުގައި ދިވެހިރާއްޖޭގެ އަޑު 54 އަހަރުގެ ތެރޭގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ އަޑުން މެދުކެނޑުމެއް ނެތި ފޮނުވަމުން އަންނަ ތަޢުލީމީ ޕްރޮގްރާމްތަކާއި އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގެ އެދެވޭ ނަތީޖާ މި ޤައުމުން މިއަދު ފެންނަމުންދާ ކަމުގައި ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ، މި ޤައުމުގެ ކުރިއެރުމަށް ދިވެހިރާއްޖޭގެ އަޑު ކޮށްދީފައިވާ ކަންކަމުގެ މަތިން އަބަދުވެސް ހަނދާން އާކުރަންޖެހޭ ކަމަށެވެ. ރޭގެ ހަފްލާގައި ދިވެހިރާއްޖޭގެ އަޑުގެ އެހާރާއި މިހާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ. ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ ޚިދުމްތްތެރިންނަށް އިޝާރާތްކުރައްވާ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ ޚިދުމަތްތެރިން ހިތްވަރާއެކު އެ ޚިދުމަތްނުކުރިނަމަ މިއަދުގެ މިޖީލާއި ހަމައަށް ދިވެހިރާއްޖޭގެ އަޑު ނާންނާނެ ކަމަށެވެ. ރޭގެ ހަފްލާގައި މުވައްޒަފުންގެ ތަފާތު ހުނަރުތަކެއް ހުށައަޅައިދިނެވެ. އަދި ހުށައެޅުންތަކަށް އަގުހުރި އިނާމްތަކެއް ދީފައިވެއެވެ. ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ދޭން ފަށާފައިވަނީ 1962 ވަނަ އަހަރުން ފެށިގެންނެވެ.