ތަޢުލީމު

ރަށްރަށަށް ބޭނުންވާ ޤުރުއާން ޓީޗަރުން ތަމްރީންކުރެއްވުން


އެރަށެއްގެ ސްކޫލަކަށް ބޭނުންވާ ޤުރުއާން ޓީޗަރުން ތަމްރީންކުރުމަށް އެރަށަކުން ކެންޑިޑޭޓުން ހުށަހެޅުމުގެ ފުރުޞަތު އެޑިޔުކޭޝަން މިނިސްޓްރީން ރަށްރަށަށް ދެއްވަން ފަށްޓަވައިފިއެވެ.  

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅިވީ ޤުރުއާން ޓީޗަރުން ބިނާކުރެއްވުމަށް ޤުރުއާނާބެހޭ މަރުކަޒާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

ރާއްޖޭގައި ޤައުމީ އައު މަންހަޖަށް ޢަމަލުކުރައްވަން ފެއްޓެވުމާއެކު، ޤުރުއާނަކީ ވަކި މާއްދާއެއްގެ ގޮތުގައި ހަމަޖައްސަވައި އެކަމަށް ޚާއްޞަ ޓީޗަރުން ބައިތިއްބަވަން ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން އައު މަންހަޖާއެކު ޤުރުއާން މަޖްބޫރު މާއްދާއެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔުމުން، ޤުރުއަން ކިޔަވައިދެއްވާނެ ޓީޗަރުން ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. މިއާއެކު ޤުރުއާން ޓީޗަރުން އުފެއްދުމުގެ ޚާއްޞަ ޕްރޮގްރާމްތަކެއް ސަރުކާރުން ހިންގަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ޤުރުއާން ކިޔަވައިދެވާނެ ޓީޗަރުން ވަނީ ހަމަޖައްސަވާފައެވެ. 

ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވީ، ޤުރުއާން ޓީޗަރުން މަދު ރަށްރަށުން، އެރަށެއްގެ ކައުންސިލުން ނުވަތަ ސްކޫލުން މީހަކު ނުވަތަ މީހުން ހޮއްވަވައި އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅުއްވުމުން، އެޑިއުކޭޝަން މިނިސްޓްރީގެ ޚަރަދުގައި އެމީހަކު ތަމްރީނުކުރެއްވުމުގެ ހުރިހާ ކަމެއް ހަމަޖައްސަވާނެކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ ކޮންމެ އަހަރެއްވެސް ނިމި، ކުރިޔަށް އޮތް ދިރާސީ އަހަރު ފެށޭއިރު ޓީޗަރުން އެހެން ތަންތަނަށް ބަދަލުވަމުންދާކަމަށާއި، މިކަމުގެ ސަބަބުން ޓީޗަރުން ހަމަކުރެއްވުމުގައި ދަތިތަކެއް ދިމާވާކަމަށެވެ. އެހެންނަމަވެސް އެޑިއުކޭޝަންގެ ޚަރަދުގައި މީހަކު ތަމްރީނުކުރެއްވުމުން ކަނޑައެޅޭ ވަކިތަނެއްގައި އެމީހަކު މަސައްކަތްކޮށް، ޓީޗަރުން ލިބުމުގައި ހުރި ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.