ތަޢުލީމު

އެކްސަލްއިން އައި.ޔޫ.އެމްއަށް 40 ސްކޮލަރޝިޕް ދީފި


ރާއްޖޭގައި ހިންގާ އަމިއްލަ ޕްރީ ސްކޫލެއް ކަމަށްވާ އެކްސަލް އިންޓަރނޭޝަން ސްކޫލުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިިވްސްއަށް 40 ސްކޮލަރޝިޕް ފުރުޞަތު ދީފިއެވެ.

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އެކަޑިމް ޙައްވާ ލަޠީފް ވިދާޅުވީ، މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުއްވާލައްވާނެ ކަމަށެވެ. އެކްސަލް އިންޓަރނޭޝަނަލް ސްކޫލަކީ ޕްރީ ސްކޫލް ތަޢުލީމް ދޭ ސްކޫލެކެވެ. އެކްސެލް ޕްރީ ސްކޫލުން ދިން ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އެސްކޫލްގެ ފަރާތުން ކަމަށް ޑެޕިއުޓީ ވައިސް ޗާންސެލަރ ވިދާޅުވިއެވެ. އަދި އިސްލާމިކް ޔުނިވަރސިޓީއާއި އެކްސަލް އިންޓަރނޭޝަން ސްކޫލާ ދެމެދު ވަނީ އެކި ދާއިރާތަކުން އެއްބާރުލުންދިނުމާއި، ޓީޗަރުން ތަމްރީނުކުރެއްވުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވާފައެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ޑެޕިއުޓީ ވައިސް ޗާންސެލަރ އެކަޑަމިކް، ޙައްވާ ލަތީފް ވިދާޅުވީ، އެއްބަސްވުމުގެ ދަށުން އެސްކޫލުގެ ޓީޗަރުން އިސްލާމީ ޔުނިވަރސިޓީގެ ތަފާތު އެކި ޕްރޮގްރާމްތަކުގައި ތަމްރީނުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އެކްސަލް އިންޓަރނޭޝަނަލް ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މަރިޔަމް ހަބްލާ ވިދާޅުވީ، އައިޔޫއެމް ފަދަ ޔުނިވަރސިޓީއާއެކު އެސްކޫލްގެ ޓީޗަރުން މަތީ ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު ލިބިގެންދިއުމަކީ، އެސްކޫލަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ. އެކްސަލް އިންޓަރނޭޝަނަލް ސްކޫލްގައި އެއްހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުންދެއެވެ. އެސްކޫލުން ދަނީ ޕްރައިމަރީ ގްރޭޑުތައް ތަޢާރަފްކުރެއްވުމުގެ މަސައްކަތް ކުރަމުންކަމަށް އެކްސަލް އިންޓަރނޭޝަނަލް ސްކޫލުން ވިދާޅުވެއެވެ.