ޚަބަރު

ސަފާރީތައް ބަލާ ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފި


އައު އަހަރާ ދިމާކޮށް ސަފާރީތަކާއި ކަނޑުމަތީ އުޅަނދުތައް ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް މޯލްޑިވްސް ޕޮލިސް ސަރވިސުން ފަށައިފިއެވެ.

މެރިން ޕޮލިސްގެ މެރިން އޮޕަރޭޝަންސް ޔުނިޓުން ފެށި މި ޚާއްޞަ އޮޕަރޭޝަންގެ މަޤްސަދަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ސަފާރީތަކުގައާއި އެހެންވެސް ކަނޑުމަތީގެ އުޅަނދުތަކުގައި އެއްވެސް ކަހަލަ ނޭދެވޭ ޢަމަލެއް ހިނގާތޯ ބަލާ ފާސްކުރުންކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ޖެނުއަރީމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ މިއޮޕަރޭޝަންގެ ދަށުން މާލެ، ވިލިމާލެ، ހުޅުލެ އަދި ހުޅުމާލެ ފަޅުތެރޭގައި އަޅާފައިވާ ސަފާރީތަކާއި އެހެންވެސް ކަނޑުމަތީގެ އުޅަނދުފަހަރުތައް ފުލުހުން ބަލާ ފާސްކުރާނެއެވެ. އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އުޅަނދުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމާއި އެއުޅަނދުތަކުގައި ޤާނޫނާއި ޤަވާއިދާ ޚިލާފް އެއްވެސް ޢަމަލެއް ހިނގާތޯ ފުލުހުން ބައްލަވާނޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއެވެ. 

ކަނޑުމަތީގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިސް އިން ދަނީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ތަފާތު އޮޕަރޭޝަންތައް ހިންގަމުންނެވެ.