ކުޅިވަރު

މާޒިޔާގެ އާ ކޯޗަކަށް، މިޔަންމާގެ ސެކްލުވްސްކީ ހަމަޖައްސައިފި


މާޒިޔާގެ އާ ކޯޗަކަށް، މިޔަންމާގެ ޔަންގޮންގެ ކޯޗަކަށް ހުރި މަރްޔާން ސެކްލުވްސްކީ ހަމަޖައްސައިފިއެވެ. 

މީ މާޒިޔާގެ ވިހި އަހުރިވީ ދިގު ތާރީޙުގައި އެ ޓީމުގެ ކޯޗަކަށް ބިދޭސީ ކޯޗަކު އައްޔަންކުރި މިއީ ފުރަތަމަ ފަހަރެވެ. އެ ޓީމްގެ ކޯޗަކަށް އެންމެ ފަހުން ހުރި އަލީ ސުޒޭން ވަނީ ނިމުނު ސީޒަނަށްފަހު ކޯޗްކަމުން އިސްތިއުފާ ދީފައެވެ. މާޒިޔާއިން ބުނީ ކޯޗަކަށް ސެކްލޮވްސްކީ ހަމަޖެއްސީ ތިން ކޯޗެއް ޝޯޓްލިސްޓްކުރުމަށްފަހު ދިވެހި ފުޓްބޯޅަ އެންމެ ރަނގަޅަށް ދަންނަ ކޯޗަކަށް ހުރީ ސެކްލޮވްސްކީކަމަށް ފެންނާތީކަމަށެވެ. 

ސެކްލޮވްސްކީ ވަނީ އޭ.އެފްސީ ކަޕުގައި އެއްފަހަރަށްވުރެ ގިނައިން ރާއްޖޭގެ ޓީމްތަކާ ވާދަކޮށްފައެވެ. މިޔަންމާ ލީގުގައި ޔަންގޮންގެ އިތުރުން އަޔެޔަވަނާދީގެ ކޯޗްކަންވެސް ސެކްލުވްސްކީ ވަނީ ކޮށްފައެވެ. އުމުރުން އަށާވީސް އަހަރުގައި ކޯޗިން ކެރިއަރ ފެށި ސެކްލުވްސްކީ ވަނީ މިޔަންމާގެ އިތުރުން އޭނާގެ އުފަން ޤައުމު، މެސެޑޯނިއާގައިވެސް ބައެއް ޓީމްތަކަށް ކޯޗްކޮށްދީފައެވެ. އޭނާޔަކީ ޔޫއެފާ ލައިސެންސް އޮންނަ ކޯޗެކެވެ. 

މާޒިޔާގެ އޮފިޝަލް ހުސެއިން ޝާފިއު ވިދާޅުވީ ސެކްލުސްވްސްކީއަކީ ރާއްޖޭގެ ކުޅުމާއި ކުޅުންތެރިން ރަނގަޅަށް ދަންނަ ކޯޗެއްކަމަށް ގަބޫލްކުރެވޭކަމަށެވެ. މިއަދު މާޒިޔާގެ ކޯޗަކަށް ހަމަޖެއްސި ސެކްލުވްސްކީއާއެކު މާޒިޔާއަށް ރަނގަޅު ކުރިއެރުންތަކެއް އަންނާނެކަމަށް އުންމީދުކުރާކަމަށް ޝާފިއު ވިދާޅުވެވެ.