ޚަބަރު

ނައިފަރަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ


މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ. މި ދޯނި އަޑިއަށްދިޔައީ މާލެއަތޮޅު ކަގި ކައިރިއަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 07:39 ހާއިރުކަމަށެވެ. މި މަޢުލޫމާތު ލިބުމާއެކު ކޯސްޓްގާޑުގެ ލޯންޗެއް އެސަރަޙަށްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށާ، މިހާދިސާގައި އަޑިއަށްގޮސްފައިވަނީ ދިގުމިނުގައި 95 ފޫޓު ހުރި "ވިލު 2" ނަމަކަށްކިޔާ ދޯންޏެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިހާދިސާ ހިނގި އިރު ދޯނީގައި 5 މީހަކު ތިއްބި ކަމަށާއި އެއީ  ދިވެއްސަކާއި 4 ބިދޭސީން ކަމަށް އެމްއެންޑީފުން ވިދާޅުވެއެވެ. ދޯނި އަޑިއަށް ދިޔުމާ އެކު، ދޯނީގައި ތިބި މީހުން ވަނީ ކައިރީގައި އޮތް ފަރެއްގެމައްޗަށް އަރާފައެވެ. މި ހާދިސާގައި، ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ހާނިކައެއް ވެފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ހިލަ އާއި ހިލަވެލި ބަރުކޮށްފައި އޮތް "ވިލު 2" ދޯނި ފެންމަތިކުރުމުގެ މަސައްކަތް، ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން ގެންދަވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.