ޚަބަރު

ރާއްޖޭގައި ބްރޯޑްކާސްޓް ކުރަން ފެށިތާ 54 އަހަރު


މިއަދަކީ ދިވެހި ދައުލަތުގެ ރޭޑިއޯ ސްޓޭޝަން، "ދިވެހިރާއްޖޭގެ އަޑުގެ" 54 އަހަރު ވަނަ އަހަރީ ދުވަހެވެ.

29 ޑިސެމްބަރު 1962 ގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ރޭޑިއޯގެ ޚިދުމަތް ދެއްވަން ފެށުމާއެކު މިދުވަސް ވެގެންދަނީ ރާއްޖޭގައި ބްރޯޑްކާސްޓުކުރަންވެސް ފެށުނު ދުވަހަށެވެ. ދިވެހިރާއްޖޭގެ އަޑަކީ އޭރުވެސް، މިހާރުވެސް، ދިވެހި ރައްޔިތުންގެ ނުހަނު ލޯތްބާއި އިހްތިރާމް ލިބިފައިވާ ރައްޔިތުންނާއި ގާތް އެކުވެރި މިތުރެކެވެ.

29  ޑިސެމްބަރ 1962 ފެށިގެން މި ވޭތުވެދިޔަ 54 އަހަރުގެ ދިގު ތާރީޚުގައި ދިވެހިރާއްޖޭގެ އަޑުން ދީނީ މަޢުލޫމާތާއި، ޚަބަރާއި، ތަޢުލީމާއި، ޢާންމުހޭލުންތެރިކަމާއި، ކުޅިވަރާއި، މުނިފޫހިފިލުވުން ފަދަ ރޮނގު ރޮނގުން ދިވެހި ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުވައިދީފައިވެއެވެ. އަދި ޤައުމީ މުނާސަބަތުތަކާއި، އިޖްތިމާޢީ ކަންކަމުގެ މަޢުލޫމާތާއި ޚަބަރުތައް އާންމުންނާ ހަމައަށްވަނީ ގެނެސްދީފައެވެ. މިދިގު ތާރީޚުގައި ދިވެހިންނަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި ޤައުމީ ރޭޑިއޯގެ ވާޖިބު ދިވެހިރާއްޖޭގެ އަޑުން ދަނީ މެދުކެނޑުމެއްނެތި އަދާކުރަމުންނެވެ.

މިކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ އަޑާއި ދިވެހި ރައްޔިތުންނާއިވަނީ ވަރަށް ގާތްގުޅުމެއް އުފެދިފައެވެ.

ބާއްޖަވެރި ހެނދުނެއް، އެބައުޅޭ އެބައުޅޭ، ފަދަ ޕްރޮގްރާމް ތަކަކީ ދިވެހީން އަހައި ފޫހި ނުވާ ޕްރޮގްރާމްތަކެކެވެ. މީގެ ތެރެއިންވެސް ރޭޑިޔޯ ޑްރާމާތަކަކީ މިހާރުވެސް ވަރަށް މަޤުބޫލު ގިނަ ބައެއްގެ ތަރުޙީބު ލިބެމުންދާ ޕްރޮގްރާމްތަކެކެވެ. އަޑުގެ ދުވަސްވީ ތަޖުރިބާކާރު މުވައްޒަފުން ވިދާޅުވާގޮތުގައި ހަގީގަތާއެއްގޮތް މަޢުލޫމާތު ތަކުގެ މައްޗަށް އުފައްދައި ފޮނުވާ ޑްރާމާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖް އެންމެ ފަސޭހައިން ފޯރުކޮށްދެވޭކަމަށެވެ. ފަތިސްނަމާދަށްފަހު އެއަންނަ ޕްރޮގްރާމްތަކާއި އެގަޑީގައި ފޮނުވާ ކީރިތި ޤުރުއާން ކިއެވުމުގެ އަޑަކީ ދުވަހުގެ ފެށުންކަމުގައި ބަލައި އެއަޑު އެހުމަށް އާދަވެ ޝައުގުވެރިވެފައިވާ ދިވެހީން މިހާރުވެސް މަދެއް ނޫނެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި މީހުން ދިރިއުޅޭ ރަށްރަށާއި، ހަމައެހެންމެ ވެރިރަށް މާލޭއަށް އަންނަމުން މިދާ ތަރައްޤީއާއި އެކުވެސް ދިވެހިރާއްޖޭގެ އަޑު އަހާލަން ބޭނުންވާ މީހުން އެހާމެ ގިނައެވެ.

ޕީ.އެސް.އެމުން ދިވެހިރާއްޖޭގެ އަޑު ހިންގަން ފެށުމާއެކު އަޑުން ގެނެސްދޭ ޕްރޮގްރާމްތަކުގެ ފެންވަރު ކުރިއަށްވުރެ ރަނގަޅުކޮށް، ޒަމާނީ ފެންވަރަށް ގެނެސްދިނުމަށްދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ޕީ.އެސް.އެމުން އަތޮޅުތަކުގައި އަލުން ހުޅުވަމުންދާ މީޑިއާ ސެންޓަރުތައް މެދުވެރިކޮށްވެސް އަތޮޅުތަކާއި، ރަށްތަކަށް ޚާއްސަ ޕްރޮގްރާމްތައް ގެނެސްދިނުމަށް މިހާރުމިވަނީ ފަށާފައެވެ. ދިވެހިރާއްޖޭގެ އަޑުން މިހިނގާ 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެކަނިވެސް ލައިވް ޕްރޮގްރާމްތަކާއި، ރެކޯޑެޑް ޕްރޮގްރާމް ހިމެނޭހެން ތިންހާހަށްވުރެ ގިނަ ޕްރޮގްރާމް އުފައްދައި ފޮނުވާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ޚަބަރުފަތުރާ ނިއުސްރޫމުން އުފައްދައި ފޮނުވާ ޚަބަރުތަކާއި، ޚަބަރާގުޅުންހުރި ކަރަންޓް އެފެއާޒް ޕްރޮގްރާމްތަށް މިއަހަރުވެސް ދިވެހިރާއްޖޭގެ އަޑުންވަނީ ގެސްދީފައެވެ.

ދިވެހިރާއްޖޭގެ އަޑުގެ 54 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު، ދުވަހާ ގުޅުވައިގެން ތަފާތު ގިނަ ޙަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. މިހާރު ދިވެހިރާއްޖޭގެ އަޑު ހިންގާ ޕަބްލިކް ސަރވިސް މީޑިއާގެ އަމާޒަކީ ކުރިއަށް އޮތްތަނުގައިވެސް ދިވެހިރާއްޖޭގެ އަޑުން ދިވެހިންނަށް ބޭނުންވާ މުހިއްމު މަޢުލޫމާތާއި، ޚަބަރުތަކާއެކު އިތުރުރަށް ފެންވަރު ރަނގަޅުކުރެވިގެން ގެނެސްދިނުމެވެ.