ވިޔަފާރި

ޒަމާނީ ވަސީލަތްތަކާއެކު މަސްވެރިންނަށް ފަޞޭހަތަކެއް ލިބިގެންދާނެ


ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މާކަނޑުގައި ހުންނަ މަސްއައިން ދެނެގަތުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން މިހާރު ކުރިއަށްގެންދަވާ މަޝްރޫޢުގެ މަސައްކަތްތަކާއެކު ކުރިއަށްއޮތްތަނުގައި، މަސްވެރިންގެ މަސައްކަތްތަކަށް ބޮޑެތި ފަޞޭހަތަކެއް ލިބިގެންދާނޭކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައިނީ މިހެން ވިދާޅުވީ، މާ ކަނޑުގައި ހުންނަ މަސްއައިން ދެނެގަތުމަށްޓަކައި، ފިޝަރީޒް މިނިސްޓްރީއާއި އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން ގުޅިވަޑައިގެން މިހާރު ކުރިއަށްގެންދަވާ މަޝްރޫޢާއި ބެހޭގޮތުން ޕީއެސްއެމުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރ ޝައިނީ ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. 

img:http://s3.psmnews.mv/images/660x400/14830096676142.jpg|ދޫނި މެދުވެރިކޮށް މަސްއައިން ހޯދުމަށް ޚާއްޞަ އާލާތެއް އެންމެ ފުރަތަމަ ހަރުކުރި ޖޫލީ މަސްބޯޓަށް މިނިސްޓަރ ޝައިނީ ކުރެއްވި ޒިޔާރަތުގެ ތެރެއިން

ފަހުގެ ޒަމާނީ ވަސީލަތްތައް މަސްވެރިންނާ ހަމަޔަށް ގެނެސްދެއްވުމަށްޓަކައި ބައެއް މަޝްރޫޢުތައް ކުރިއަށްގެންދަވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ދޫނި މެދުވެރިކޮށް މަސްއައިން ހޯދުމަށް މިހާރުވެސް ޚާއްޞަ މަޝްރޫޢެއް ކުރިއަށްގެންދަވާކަމަށެވެ. މިފަދަ މަޝްރޫޢުތަކުގެ ސަބަބުން މަސްވެރިންގެ މަސައްކަތް އެންމެ ފުރިހަމަގޮތުގައި ކުރުމުގެ ޤާބިލްކަން އެފަރާތްތަކަށް ލިބިގެންދާނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފިޝަރީޒް މިނިސްޓްރީއާއި އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން ގުޅިވަޑައިގެން ކުރިއަށްގެންދަވާ މިމަޝްރޫޢުގެ ދަށުން ދޫނި މެދުވެރިކޮށް މަސްއައިން ހޯދުމަށް ޚާއްޞަ އާލާތެއް އެންމެ ފުރަތަމަ ހަރުކޮށްފައިވަނީ ޖޫލީ ނަމަކަށް ކިޔާ މަސްދޯންޏެއްގައެވެ. މިނިސްޓަރ ޝައިނީ މިއަދު ވަނީ އެ ދޯންޏަށް ޒިޔާރަތްކުރައްވައި، އެމަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.