ދުނިޔެ

ފިލިޕީންސުން 120 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި


120 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި ފިލިޕީންސްއިން އަތުލައިގެންފިއެވެ.

ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި މިއީ އެޤައުމުގެ ތާރީޚުގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެވުނު ފަހަރެވެ. އަދި އަތުލައިގަތީ މަސްތުވާތަކެތީގެ އެންމެ ނުރައްކާތެރި އެއް ބާވަތްކަމަށްވާ މެތްއެމްފެޓަމައިންގެ 890 ކިލޯކަމަށް ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

މިއޮޕަރޭޝަނަކީ ޗައިނާގެ ނެޓްވޯކަކުން ފިލިޕީންސްގައި މަސްތުވާތަކެތީގެ އުފައްދާ، ވިއްކަމުންދާކަމަށް ފިލިޕީންސްގެ އިންވެސްޓިގޭޝަން ބިއުރޯއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަނުގައި ޗައިނާގެ 3 މީހަކާއި ފިލިޕީންސްގެ 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ސަތޭކަ މިލިއަނެއްހާ މީހުން ދިރިއުޅޭ ފިލިޕީންސްގައި މަސްތުވާތަކެތި ބޭނުންކުރާ 1.3 މިލިއަން މީހުން އުޅޭކަމަށް އެޤައުމުގެ އިދާރާތަކުން އަންދާޒާކުރެއެވެ.

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމުގެ ވަޢުދާއެކު ފިލިޕީންސްގެ ރައީސްކަމަށް ވަޑައިގެން ރައީސް ރޮދްރިގޯ ދުތޭރްތެ ދަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ބޮޑު ކެމްޕެއިނެއް ހިންގަވަމުންނެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ އަދި އެވިޔަފާރިއާ ގުޅުންހުރި 6000 އެއްހާ މީހުން ފުލުހުންނާއި އާއްމުންގެ ހަމަލާތަކުގައި މާރާލާފައިވާއިރު، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ދަނީ ދުތޭރްތެއަށް ފާޑުކިޔަމުންނެވެ. ނަމަވެސް އެޤައުމުގައި އޭނާއަށް އޮތް ތާޢީދު ވަރަށް ބޮޑުކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައެވެ.

"ޤާނޫނަށް އެއްވެސް އިޙްތިރާމެއް ނެތް ތަނެއްގައި، މިހާރު ޤާނޫނަށް އިޙްތިރާމް އެބައޮތް" ދުތޭރްތެއަށް ތާޢީދުކުރާ އަދި އެންޖީއޯއެއްގައި މަސައްކަތްކުރާ ފަންނީ ބޭފުޅަކު ވިދާޅުވިއެވެ.