ޚަބަރު

ރައީސް ޔާމީން ބްރިޖުގެ މަސައްކަތް ބައްލަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމްގެ ދެ ކަނބަލުން، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ޒިޔާރަތްކުރައްވާ، ބްރިޖުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބްރިޖުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ލޮނުޒިޔާރަތްކޮޅުގައި ޤާއިމްކޮށްފައިވާ ބްރިޖުގެ މަސައްކަތް ހިނގަމުންދާ ސައިޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ މުހައްމަދު މުޢިއްޒުއާއި ކެބިނެޓް މިނިސްޓަރުންނެވެ. މީގެ އިތުރުން ބްރިޖުގެ މަސައްކަތް ކުރަމުންދާ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކުންފުނީގެ އިސްބޭފުޅުންވެސް އެމަނިކުފާނަށް މަރުޙަބާ ދެންނެވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ބްރިޖުގެ ސައިޓަށް ކުރެއްވި ޒިޔާރަތުގައި ބްރިޖުގެ މަސައްކަތް ހިނގަމުންދާގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވެވިއެވެ. އަދި ބްރިޖުގެ އަމަލީ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. 

img:http://s4.psmnews.mv/images/660x400/14829276200381.jpg|ރައީސް ޔާމީން ބްރިޖުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވަނީ

މާލެއާއި ހުޅުލެއާ ދެމެދު ބްރިޖެއް އަޅުއްވައި، ވެރިކަންކުރާ ރަށް މާލެއާއި ރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރާށި، އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓާއި، ދިވެހިންގެ އުންމީދީ ސިޓީ، ހުޅުމާލެއާ ގުޅުވާލުމާކީ، ސަރުކާރުން މިހާރު ފަށްޓަވާފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބިޔަ މަޝްރޫޢުއެވެ. 

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަޝްރޫޢަކީ އިންޖިނިއަރިންގެ ދާއިރާއިން ރާއްޖޭގައި ކުރިއަށްގެންދެވޭ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. ބްރިޖްގެ މަސައްކަތްތައް ތާވަލްކުރެވިފައިވާ ގޮތަށް ކުރިއަށްދާއިރު، ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބްރިޖްގެ އަމަލީ މަސައްކަތް ނިންމެވުމެވެ.