ތަޢުލީމު

ތަޢުލީމީ ދާއިރާގައި ބިދޭސީން ތިބި ވަޒީފާތަކަށް ދިވެހިން


ތަޢުލީމީ ދާއިރާގައި ބިދޭސީން ތިބި ވަޒީފާތަކަށް ދިވެހިން ހޯއްދެވުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފަށްޓަވައިފިއެވެ. އެގޮތުން ފުރަތަމަ މަރުޙަލާއެއްގެ ގޮތުން އިއްޔެ ވަނީ ބިދޭސީ ޓީޗަރުން ތިބި މަޤާމްތަކަށް ދިވެހި ޓީޗަރުން ހޯއްދެވުމަށް އިޢުލާން ކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވާ ގޮތުގައި ދިވެހި މުވައްޒަފުން ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ، 2016 ގެ ސްޕެޓެމްބަރުމަހުގެ ނިޔަލަށް، ތަޢުލީމީ ދާއިރާގެ އެކި މަޤާމްތަކުގައި، ދިވެހިން ލިބުން ދަތިވެގެން، ކޮންޓްރެކްޓް އުޞޫލުން ބިދޭސީން މަސައްކަތް ކުރަމުންދާ ވަޒީފާތަކަށްކަމަށެވެ. އޭގެތެރޭގައި ގިނައީ ޚާއްޞަ މާއްދާތައް އުގަންނައިދެއްވާ ޓީޗަރުންކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ މާލެއާއި އަތޮޅުތެރޭގައި، މިފަދަ މަޤާމްތައް ހުރި ސްކޫލްތައް އިއްޔެ އިޢުލާންކުރައްވައި، މި ވަޒީފާތައް އަދާކުރަން ބޭނުންވާ ދިވެހިންނަށް މިމަޤާމްތަކަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުއްވާލައްވާފައެވެ.