ޚަބަރު

ރާއްޖެ އިސްލާމްވި ދުވަހުގެ ޙަރަކާތްތަކުގައި އެންމެ ބައިވެރިވަމާ


ރާއްޖެ އިސްލާމްވި ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ގުޅިވަޑައިގެން ހިންގަވާ ޙަރަކާތްތަކުގައި ރާއްޖޭގެ އެންމެހައި ރައްޔިތުން ބައިވެރިވުމަށް އެޙަރަކާތްތައް އިންތިޒާމްކުރައްވާ މުއައްސަސާތަކުން އިލްތިމާސް ކުރައްވައިފިއެވެ. މިއަހަރު، ރާއްޖެ އިސްލާމްވި ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރައްވަނީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ގުޅިވަޑައިގެންނެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ތާރީޚުގައި ފާހަގަކުރަމުން އަންނަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ. މީލާދީގޮތުން މިދުވަސް މިއަހަރު ދިމާވަނީ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހާއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ޤައުމީ ޙަރަކާތްތައް މިއަހަރު ހިންގަވަނީ އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ އަދި ދިވެހިބަހުގެ އެކެޑަމީއާއި ޕީއެސްއެމްއާއި ރާއްޖޭގެ އެހެން ބައެއް މީޑިއާތަކާއި އަމިއްލަ ބައެއް ޖަމްޢިއްޔާތައް ގުޅިވަޑައިގެންނެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުމަށް އެ ދުވަހުގެ ރަސްމީ ޙަރަކާތްތައް ފެއްޓެވުމަށް ހަމަޖެހިފައިވަނީ މި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ކުރެވޭ މަޣްރިބް ނަމާދުންނެވެ. އެ ނަމާދަށްފަހު އިސްލާމީ މަރުކަޒާއި ރާއްޖޭގެ ހުރިހައި ރަށެއްގައިވެސް އެ ދުވަހަށް ޚާއްޞަ ދުޢާއެއް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުމަށް ރާއްޖޭގެ 4 ސަރަޙައްދެއްގައި އެއްވަގުތެއްގައި ބާއްވަވާ ބޮޑު ޖަލްސާ އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭގައެވެ. މި ޖަލްސާ ބާއްވަވަނީ މާލޭގެ ޖުމްހޫރީ މައިދާނާއި އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީ އަދި ހދ. ކުޅުދުއްފުށީގައެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ މިސްކިތްތައް އެއްވަގުތެއްގައި ސާފުކުރުމުގެ ޙަރަކާތެއް މިމަހުގެ 31 ވަނަ ދުވަހު ކުރިއަށްދަވާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

މިސްކިތްތައް ސާފުކުރުމުގެ ޙަރަކާތް ކުރިއަށް ދާނީ އެ ދުވަހު ހެނދުނު 8:00 ން 11:30 އާ ހަމައަށެވެ. މި ޙަރަކާތުގައި މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ހުރި 965 މިސްކިތް އެއްފަހަރާ އެއްވަގުތެއްގައި ސާފުކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ޙަރަކާތްތައް ކުރިއަށްދާއިރު އެ ޙަރަކާތްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ޓީވީ މެދުވެރިކޮށް ފެންނާނެ އިންތިޒާމް ޕަބްލިކް ސަރވިސް މީޑިއާއާ ގުޅިވަޑައިގެން ހަމަޖައްސަވާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި ޙަރަކާތްތަކަކީ ދިވެހިންގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ފެނިގެންދާ ޙަރަކާތްތަކަކަށް ވުމާއެކު މި ޙަރަކާތްތަކުގައި އެންމެހައި ދިވެހި ރައްޔިތުން ބައިވެރިވުމަށް މި ޙަރަކާތްތައް އިންތިޒާމްކުރައްވާ މުއައްސަސާތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ޙަރަކާތްތަކާ ގުޅޭގޮތުން ނޫސްވެރިންނާއި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރގެ ނާއިބު މުޙައްމަދު މުޞްޠަފާ ވިދާޅުވީ އެދުވަހުގެ ޙަރަކާތްތަކަކީ ރާއްޖޭގެ އެންމެހައި ރައްޔިތުން ބައިވެރިވާ ޢީދެއްކަމުގައި ވެގެންދާނެކަމަށެވެ.

"މުޅި ރައްޔިތުން ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ ބައިވެރިވާ ޤައުމީ ޢީދަކަށް ވެގެންދާނެ، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުން. އެ ގޮތުން އަޅުގަނޑުމެން މިސްކިތްތައް ސާފުކުރުމުގެ ޙަރަކާތްވެސް ކުރިއަށް މި ގެންދަނީ. އަޅުގަނޑު ހަމަ ވަރަށް އިލްތިމާސްކުރަން.. ރައްޔިތުންނަށް، އަޅުގަނޑުމެން ހަމަ ވަރަށް ބޭނުންވާ ކަމެއް އެއީ ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ތިއްބެވި ހުރިހާ ރައްޔިތުން ނިކުންނަވައިގެން އަޅުގަނޑުމެންގެ ރާއްޖެ އިސްލާމްވި ދުވަހުގެ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވެދެއްވާށޭ، އަޅުގަނޑުމެން އެކަމަށް މަރުޙަބާ ދަންނަވަމޭ." މިނިސްޓަރގެ ނާއިބު ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުމަށް ހިންގަވާ މި ޕްރޮގްރާމް ނިންމާލެވޭއިރު ދިވެހިންގެ ހިތުގައި ދީނީ ޢަޤީދާ އިތުރަށް ވަރުގަދަވެ ދީނީ މަޢުލޫމާތުތައް އިތުރަށް ލިބިގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ޤަބޫލުކުރައްވައެވެ.