ވިޔަފާރި

ދެވަނަ ކުއާޓަރގައި 125 ފަރާތަކުން ޖީ.އެސް.ޓީ ނުދައްކާ- މީރާ


މިއަހަރުގެ ދެވަނަ ކުއާޓަރގައި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް، މި އަހަރުގެ ދެވަނަ ކުއާޓަރގައި ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރައްވާފައިވަނީ އެއޮތޯރިޓީގެ ވެބްސައިޓްގައެވެ.

މިއީ، ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރެއްވުމުގައި ޢަމަލުކުރައްވަމުންދާ އުސޫލުގެ ދަށުން، މާލެ ސަރަހައްދާއި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މި އަހަރުގެ ދެވަނަ ކުއާޓަރގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ ފަރާތްތަކެވެ.

މީރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މި ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ނުވަ ފަރާތަކާއި، އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 116 ފަރާތަކާއިއެކު ޖުމްލަ 125 ފަރާތެއްގެ ނަން ހިމެނެއެވެ.

ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަދަ ފަރާތެއްގެ ނަން އެ ލިސްޓުން އުނިކުރެވޭނެއެވެ. މީރާގެ އެންފޯސްމަންޓް ޕޮލިސީގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މި ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެއްވާފައިވާނެކަމަށް މީރާއިން މަޢުލޫމާތު ދެއްވައެވެ.

މީގެ އިތުރުން މީރާއިން ވަނީ، މިއަދަކީ ނޮވެމްބަރުމަހުގެ ގްރީން ޓެކްސް ދެއްކުމުގެ ސުންގަޑިއާއި ޖީއެސްޓީ ދެއްކުމުގެ ސުންގަނޑި ހަމަވާ ދުވަސްކަމުން، އެކަމަށް ހުރިހާ ވިޔަފާރިތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.