ކުޅިވަރު

ސިޔާމް މަޢުރޫފް ކަޕްގެ ޗެމްޕިއަންކަން އަނެއްކާވެސް ހޮޅުދޫއަށް


ސިޔާމް މަޢުރޫފް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޮޅުދޫ ހޯދައިފިއެވެ.

ނ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މިމުބާރާތުގެ ޗެމްޕިއަންކަން ހޮޅުދޫ ހޯދީ ފައިނަލްގައި މިއަދު ހަވީރު މުބާރާތް ބޭއްވި ނ ކެނދިކުޅުދޫ ބަލިކޮށްގެންނެވެ. ހޮޅުދޫ މެޗް ކާމިޔާބުކޮށްފައިވަނީ އެއްލަނޑު ސުންލަނޑުންނެވެ.

މެޗްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި ހޮޅުދޫއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޒަމީރެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑްވެސް ލިބިފައިވަނީ ޒަމީރުއަށެވެ. މިމުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ކެނދިކުޅުދޫ ގޯލް ކީޕަރ މުހައްމަދު އިޝާނެވެ. އެންމެ މޮޅު ކޯޗަކަށް ހޮޅުދޫ ކޯޗް އަހުމަދު ފާރިޝް ހޮވުނުއިރު އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ ހޮޅުދޫގެ މުހައްމަދު ޒަމީރު، މުހައްމަދު ރިޔާޒް، ކެނދިކުޅުދޫ ޓީމްގެ މުހައްމަދު އަރީޝް، މުހައްމަދު އައްޒާމް އަދި މިލަދޫ ޓީމްގެ މުޙައްމަދު މަޢުރޫފެވެ.

އެންމެ ރަނގަޅު ސަޕޯޓެއް ދިން ޓީމަކަށް ހޮވުނީ މިލަދޫއެވެ. ފެއާ ޕްލޭ ޓީމަކީ އެފްސީ މާފަރެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 100،000 ރުފިޔާ ދީފައިވާއިރު މުބާރާތުގެ ފެއާރޕްލޭ ޓީމަށް 25،000 ރުފިޔާ، އަދި އެންމެ ރަނގަޅު ސަޕޯޓެއް ދިން ޓީމަށް 15،000 ރުފިޔާ ވަނީ ދީފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލްކޮށްދިނީ މެޗްގެ ޚާއްސަ ޝަރަފްވެރިމެހެމާނު ބާސެލޯނާ އަދި ސްޕެއިންގެ ކުރީގެ މަޝްހޫރު ޑިފެންޑަރ ކާލެސް ޕުޔޯލްއެވެ. މިއަހަރުގެ މުބަރާތުގައި ނ. އަތޮޅުގެ 13 ޓީމެއް ބައިވެރިވިއެވެ.