ޚަބަރު

އެކްސަސައިޒް އެކުވެރިން 2016 ނިންމާލައިފި


ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކުއާޓަރޒް، ލ.ކައްދޫގައި ފެށި އަސްކަރީ ތަމްރީނު "އެކްސަސައިޒް އެކުވެރިން 2016" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ތަމްރީން ނިންމާލުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއާޓަރޒް، ލ.ކައްދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ.

މި ރަސްމިއްޔާތުގައި "އެކްސަސައިޒް އެކުވެރިން 2016" ގައި ބައިވެރިވި ދިވެހި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އިންޑިއާގެ 91 ވަނަ އިންފެންޓްރީ ބްރިގޭޑްގެ، ބްރިގޭޑިއަރ މައިކަލް އޭޖޭ ފެނާންޑޭޒް އެވެ. އަދި އިންޑިއާ ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ.

img:http://s3.psmnews.mv/images/660x400/14828556630345.jpg|އެކްސަސައިޒް އެކުވެރިން 2016 ނިންމާލުމަށް ބޭއްވި ރަސްމިއްުޔާތުގައި ބްރިގޭޑިއަރ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ވާހަކަފުޅުދައްކަވަނީ

މިމަހުގެ 15 އިން 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މިއެކްސަސައިޒަކީ ދިވެހިރާއްޖެ އާއި އިންޑިއާ އަސްކަރިއްޔާގެ ދެމެދުގައި އުފެދިފައިވާ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ އެކްސަސައިޒެކެވެ. 

މިފަހަރުގެ އެކްސަސައިޒުގައި އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރިވީ އިންޑިއާގެ ފޯތު ބިހާރު ރެޖިމެންޓްގެ ސިފައިންނެވެ. ރާއްޖެއިން ބައިވެރިވީ އެމްއެންޑީއެފް މެރިންސް އެވެ. މިއެކްސަސައިޒުގައި ކިޔަވައިދެއްވީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ މި އެކްސަސައިޒްތައް އިންޑިއާ އަދި ދިވެހިރާއްޖޭގައި ބާއްވަމުންދާއިރު، އެންމެ ފަހުން ބޭއްވި "އެކްސަސައިޒް އެކުވެރިން 2015" ގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައެވެ.