ޚަބަރު

"ކަލްޗަރަލް ޕްރޮގްރާމްގެ ސަބަބުން ދާއިރާއަށް ބޮޑު ކުރިއެރުމެއް"


ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސްއިން ކުރިޔަށްގެންދަވާ އާރޓްސް އެންޑް ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމަކީ، އެކި ފަންނުތަކުގެ މީހުންގެ އެއްތަނަކުން ބައްދަލުވެ ތަޖުރިބާއާއި މަސައްކަތް ހިއްސާ ކުރުމަށް ކުރިޔަށްގެންދަވާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން އަވަށްޓެރި ޤައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމަކީވެސް މީގެ އެއް މަޤްސަދެކެވެ. 

އެންސީއޭއިން ހިންގަވާ މި ޕްރޮގްރާމުގެ ދަށުން މިމަހު އިންޑީއާގެ ޗަންދިގަރުގެ ސައްޗަމް ސުޕާޝް ފައުންޑޭޝަންގެ 5 އާޓިސްޓުން ވަނީ ރާއްޖެއައިސްފައެވެ. މިމަހުގެ 18 އިން 27 އަށް ކުރިޔަށްދިޔަ މި ޕްރޮގްރާމުގެ ތެރެއިން އިންޑިއާގެ އާޓިސްޓުންނާއި ރާއްޖޭގެ ބައެއް އާޓިސްޓުން އެކުގައި މަސައްކަތްކޮށް، ޚިޔާލު ބަދަލުކޮށް ތަޖްރިބާ ހިއްސާކޮށްފައިވާކަމަށް އެންސީއޭއިން ވިދާޅުވެއެވެ. މި ޕްރޮގްރާމުގެ ދަށުން ރާއްޖެއައި ޓީމު ފުރުވާލުމަށްފަހު ޕީއެސްއެމް އާއި ވާހަކަދައްކަވަމުން އެންސީއޭގެ ކޯޑިނޭޓަރ އަލީ އާމިރު ވިދާޅުވީ، މި ޕުރޮގްރާމްގެ ސަބަބުން އާރޓުގެ ދާއިރާއިން ކުރިއެރުންތަކެއް ލިބިގެންދާނެކަމުގެ އުންމީދު އެބައޮތްކަމަށެވެ.

ސައްޗަމް ސުޕާސް ފައުންޑޭޝަންގެ ފަރާތުން ވާހަކަދައްކަމުން އެ ފައުންޑޭޝަންގެ މެމްބަރެއްކަމަށްވާ އަންކުޝް ބަގަރު ބުނީ، މިފަދަ ޕުރޮގްރާމެއްގެ ސަބަބުން ދެ ޤައުމުގެ އާރޓިސްޓުން ބައްދަލުވެ، ގުޅުން ބަދަހިވެފައިވާކަމަށެވެ. އެންސީއޭއިން ކުރިޔަށްގެންދާ އާރޓްސް އެންޑް ކަލްޗަރަލް ޕުރޮގްރާމުގެ ދަށުން ވަރަށް އަވަހަށް ރާއްޖޭގެ ފަންނުވެރިންތަކެއް އިންޑިއާއަށް ދިޔުމަށް ހަމަޖެހިފައިވާކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ.