ޚަބަރު

އައްޑޫ ސީޕްލޭން ބޭސްއިން، ހުވަދުއަތޮޅަށް ސީޕްލޭން ދަތުރެއްކޮށްފި


އައްޑޫގައި ތަރައްޤީކޮށްފައިވާ ސީ ޕްލޭން ބޭސްއިން، ފުރަތަމަ ފަހަރަށް ހުވަދުއަތޮޅުގެ ރިސޯޓަކަށް ކޮމާރޝަލް ސީޕްލޭން ދަތުރެއްކޮށްފިއެވެ. 13 ފަސިންޖަރުންނާއެކު ކޮށްފައިވާ މިދަތުރަކީ ހުވަދު އަތޮޅަށް ސީ ޕްލޭންގެ ދަތުރުތައް ފުޅާވެގެންދިޔުމުގެ ފެށުމުގެ ގޮތުގައި ޓީއެމްއޭއިން ދެކެއެވެ.

ސީ ޕްލޭންގެ ދަތުރުތަކަށް ދެކުނުގެ އަތޮޅުތަކުގެ ރިސޯޓުތަކުން ވަރަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކުރަމުން އަންނަކަމަށް ޓީއެމްއޭގެ ޕީއާރު އެންޑް މަރކެޓިންގ މެނޭޖަރ އިބްރާހީމް ޝިފާން ވިދާޅުވިއެވެ.

ފޮޓޯ ފްލައިޓްގެ ޚިދުމަތްވެސް ގަމު ސީޕްލޭން ބޭސްއިން ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމަށްވެސް ރިސޯޓުތަކުން ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަން ޝިފާން ފާހަގަކުރެއްވިއެވެ. ދެކުނުގެ 4 އަތޮޅުގައި މިހާރުވެސް 9 ރިސޯޓް އޮޕަރޭޓްކުރެއެވެ. އަދި ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް 10 ރަށުގައި މިހާރުވެސް ކުރިއަށްދެއެވެ.

ގއ. އަތޮޅުގައި ފަސް ރިސޯޓް އޮޕަރޭޓްކުރެއެވެ. އެއީ ޖުމްލަ 720 އެނދެވެ. ގދ. އަތޮޅުގެ ދެ ރިސޯޓްގައި 390 އެނދު އޮޕަރޭޓްކުރެއެވެ. އައްޑޫސިޓީގެ ދެ ރިސޯޓްގައި 826 އެނދު އެބަހުއްޓެވެ. އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ރިސޯޓްތަކާއި، އަދި ރިސޯޓް ތަރައްޤީ ކުރުމަށް ސަރުކާރުން ދޫކުރައްވާފައިވާ ރަށްތަކާއެކު، މުސްތަޤްބަލްގައި އިތުރު ތިންހާހެއްހާ އެނދަށް ސަރަޙައްދުގެ ބެޑް ކެޕޭސިޓީ އިތުރުވާނެއެވެ. ދެކުނުގައި ސީ ޕްލޭންގެ އޮޕަރޭޝަންތައް ފެށިގެން ދިއުމުން، ދެކުނުގެ އަތޮޅުތަކުގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް ގެނުވާނެ ކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ސިފަކުރެއެވެ.