ޚަބަރު

ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރަން ގުޅިގެން މަސައްކަތްކުރަނީ


ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި އިޖްތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ސޮއިކުރައްވައިފިއެވެ. 

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދުއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފްއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، ދިވެހި މުޖުތަމަޢުގެ ތެރޭގައި ހުރި ޢިޖުތިމާޢީ މައްސަލަތައް ޙައްލުކުރެއްވުމަށް ފަޞޭޙަތަކެއް މި އެއްބަސްވުމުގެ ސަބަބުން ލިބިގެންދާނެކަމަށެވެ. އަދި މުޖުތަމަޢުގެ އަމާންކަމާއި އިސްތިޤުލާލު ހިފެހެއްޓެއްވުމަށް ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެހީތެރިވެދެއްވުމަކީ ލިބިވަޑައިގަންނަވާ ބޮޑު ޝަރަފެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ވިދާޅުވީ، ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރެއްވުމާއި އިޖްތިމާޢީ ހަމަޖެހުން ދެމެހެއްޓެވުމުގެ އެއްބަސްވުން އެކުލަވާލެއްވުމުގައި ކުރިންވެސް ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާގުޅޭ މަސައްކަތްތައް އިސްލާމިކް އެފެއާޒް މިނިސްޓްރީއާއި ފުލުހުން ގުޅިވަޑައިގެން ކުރިއަށްގެންދަވާ ކަމަށެވެ. އެހެންކަމުން މިއެއްބަސްވުމުގެ ސަބަބުން މި މަސައްކަތް އިތުރަށް ހަރުދަނާވެ، ކުރިއަށްވުރެ ހަލުއިކަމާއެކު ކުރިއަށް ގެންދެވުމަށް މަގުފަހިވެގެންދާނެ ކޮމިޝަނަރ ވިދާޅުވިއެވެ.  

ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރެއްވުމާއި އިޖްތިމާޢީ ހަމަޖެހުން ދެމެހެއްޓެވުމަށް ގުޅިވަޑައިގެން މަސައްކަތްކުރެއްވުމުގެ އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާ ގުޅިވަޑައިގެން މަސައްކަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދީނީ ގޮތުން ހައްދުފަހަނައެޅުމާއި އިސްލާމް ދީނާ ދެކޮޅުވުމުގެ މައްސަލަތަކާގުޅޭ ގޮތުން ލިބިވަޑައިގަންނަވާ މަޢުލޫމާތުތައް، ދެފަރާތުގެ މެދުގައި ޙިއްޞާކުރެއްވުމާއި އެފަދަ ކަންކަން ހުއްޓުވުމަށް ހޭލުންތެރިކުރެއްވުމުގެ ޕްރޮގްރާމްތައް ރާއްވަވައި ހިންގެވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއެވެ.