ޚަބަރު

މާލޭ ސަރަޙައްދު ކުނި މެނޭޖްކުރުމާގުޅޭ ބައެއް މަސައްކަތް


މާލޭ ސަރަޙައްދުން ހަރުދަނާ ނިޒާމެއްގެ ދަށުން ކުނި ނައްތާލެއްވުމަށް އެކުލަވާލައްވާ މަޝްރޫޢަކާ ގުޅޭ ބައެއް މަސައްކަތް ކޮންޓްރެކްޓަރަކާ ޙަވާލުކުރައްވައިފިއެވެ. މިގޮތުން ޙަވާލުކުރެއްވީ މާލޭ ސަރަޙައްދު ހިމެނޭހެން ޒޯން ތިނެއްގައި ސަރުކާރުން ހިންގަވާ "އިންޓެގްރޭޓެޑް ސޮލިޑްވޭސްޓް މެނޭޖްމަންޓް" ޕްރޮޖެކްޓަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ އަދި އިންޖިނިއަރިން ޑިޒައިން ތައްޔާރު ކުރުމުގެ މަސައްކަތެވެ. ފަސް މިލިއަން ރުފިޔާއަށް ސަރުކާރުން މި މަސައްކަތް ޙަވާލުކުރެއްވީ ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.

"ސާފު ރާއްޖެ" މި ޝިޢާރުގެ ދަށުން މާލޭ ސަރަޙައްދު ހިމެނޭހެން ޒޯން 3 ގައި ސަރުކާރުން ހިންގަވާ "އިންޓެގްރޭޓެޑް ސޮލިޑްވޭސްޓް މެނޭޖްމަންޓް" ޕްރޮޖެކްޓަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ އަދި އިންޖިނިއަރިން ޑިޒައިން، ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތައްޔާރު ކުރުމަށް ހަމަޖެހިފައިވަނީ ޖަރުމަނުވިލާތުގެ މަޝްޙޫރު ކުންފުންޏެއް ކަމަށްވާ "ކޮކްސް ކޮންސަލްޓް"ގެ ފަންނީ އެހީތެރިކަމާއެކުގައެވެ. އެކުންފުންޏާ ސަރުކާރުން މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ 5.19 މިލިއަން ރުފިޔާއަށް 8 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން، ކ. ތިލަފުށީގައި ސަރުކާރުން ޤާއިމުކުރައްވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ބޭނުންވާ އިންޖިނިއަރިންގ ޑިޒައިން ތައްޔާރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކަމަށްޓަކައި ތިލަފުށީގައި ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓެއް (އީ.އައި،އޭ) ހެދުމުގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ. ހަމައެހެންމެ ޒޯން ތިނެއްގައި ހިމެނޭ ކ، އ އަދި ވ އަތޮޅުގައި ހިމެނޭ ރަށްތަކުގައި ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށް ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީތައް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވޯޓަރ ސޮލިއުޝަންސްއާއި މި މަސައްކަތް ޙަވާލުކުރެއްވުމަށް އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރުގެ ނާއިބު ޢަލީ ޢާމިރެވެ. ވޯޓަރ ސޮލިއުޝަންސްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑިރެކްޓަރ ޙަސަން ޝާޙުއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންވަޔަރަމަންޓް މިނިސްޓަރގެ ނާއިބު ޢަލީ ޢާމިރު ވިދާޅުވީ، މާލޭ ސަރަޙައްދަށް އަމާޒުކުރައްވައިގެން ސަރުކާރުން ހިންގަވާ "އިންޓެގްރޭޓެޑް ސޮލިޑްވޭސްޓް މެނޭޖްމަންޓް" ޕްރޮޖެކްޓުގެ މަސައްކަތް އަންނަ އަހަރުގެ މެދެއްހާ ތާނގައި ފެއްޓެވުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ގެންނެވުމުގެ ގޮތުން ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ޤައުމީ ސިޔާސަތެއް އެކުލަވާލައްވައި، މި ސިޔާސަތު ތަންފީޒު ކުރެއްވުމަށް ތަފާތު މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރުކާރުން ގެންދަވަނީ ހިންގަވަމުންނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކުނިމެނޭޖް ކުރުމުގެ ކަންކަން ކުރިއަށް ގެންދެވުމަށްޓަކައި، ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭހެން އެކި ޒޯންތަކަކަށް ބައްސަވާލެއްވުމަށްފަހު، ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކެއް ޤާއިމުކުރެއްވުމަކީ މިސިޔާތުގައި ހިމެނޭ އެންމެ މުހިއްމު ކަންތަކެވެ.