ޚަބަރު

"ގޭބީސީތަކުގެ ކުނި އުކާލުމުގެ ޚިދުމަތް 6 މަސްތެރޭ ފެށޭނެ"


މާލޭގެ ހުރިހާ ގޭބިސީތަކުން ކުނިއުކާދިނުމުގެ ޚިދުމަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ފެށުމަކީ އަމާޒެއްކަމަށް ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަނުން ބުނެފިއެވެ. 

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުވާދު ވިދާޅުވީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މިމަސައްކަތް ފުރަތަމަ މިފެށީ، މި ޚިދުމަތް ވީހާވެސް ފުރިހަމަކޮށް ޢާއްމުންނަށް ދެވޭނީ ކިހިނެތްތޯ ބަލައި، އިތުރަށް ރަނގަޅުކުރަންވީ ކަންތައް ޢާންމުންގެ ފަރާތުން އޮޅުންފިލުވުން މުހިންމުވެފައިވާތީކަމަށެވެ. އަދި މި ތަޖުރިބާއާއި ޚިޔާލުތަކަށްފަހު މަޝްރޫޢުގެ މަސައްކަތް ފުރިހަމަކުރުމަކީ އެ ކުންފުނީގެ ވިސްނުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވެމްކޯއިން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 13 ޒޯނަކަށް މާލެ ބަހާލައިގެނެވެ. އެގޮތުން ލޮނިޒިޔާރަތްކޮޅުގައި ހުންނަ ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ ޢިމާރާތް ނުވަތަ ސެނެހިޔާ ހޮސްޕިޓަލް ހުންނަ ހިސާބުން ފެށިގެން ކަލާފާނު ސްކޫލް ހިމެނޭ ގޮތަށް ޒޯން އެކެއްގެ 51 ގެއަކަށް އެކުންފުނިން މިހާރު އަންނަނީ މި ޚިދުމަތް ދެމުންނެވެ. 

img:http://s1.psmnews.mv/images/660x400/14711687629265.jpg|ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފުއާދު / ފޮޓޯ: ވެމްކޯ

މި ޚިދުމަތް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުވާދު ވިދާޅުވީ، މިވަގުތު ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މި ޚިދުމަތް ދެމުން އައިނަމަވެސް، ރަސްމީ ސިފައެއްގައި މި ޚިދުމަތް ދޭން ވާންޖެހޭ ތައްޔާރީތައް އެކުންފުނިން  ބާރު ސްޕީޑެއްގައި ކުރަމުން އަންނަކަމަށެވެ. އެގޮތުން މިކަމަށް ޚާއްޞަ ވެހިކަލްތަކެއް ޖެނުއަރީމަހު ރާއްޖެ ގެންނާނެކަމަށާއި ފެބްރުއަރީމަހު މި ޚިދުމަތް ރަސްމީ ސިފައެއްގައި ފަށާނެކަމަށް ފުވާދު ވިދާޅުވިއެވެ.

މުޅި މާލޭގެ ގޭބިސީތަކަށް ކުނި އުކާދިނުމުގެ ޚިދުމަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ފެށުމަކީ ވެމްކޯގެ އަމާޒެކެވެ. މި ޚިދުމަތް ބޭނުންވާ ގޭބިސީތައް ރަޖިސްޓްރީކުރުމުގެ ފުރުޞަތު މިހާރުވެސް ވަނީ ހުޅުވާލާފައެވެ. ގޭގެއިން ކުންޏާ ޙަވާލުވާން ވެމްކޯގެ މުވައްޒަފުން ގޭގެއަށް ނުވަތަ އެޕާޓްމަންޓްތަކަށް ވަންނަނަމަ 150 ރުފިޔާ އަދި، ގޭބިސީތަކުން އުފައްދާ ކުނި އަމިއްލައަށް ބޭރުގައި ޑަސްބިންތަކުގައި ބަހައްޓާނަމަ 100 ރުފިޔާގެ ފީއެއް ނެގުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. 

img:http://s1.psmnews.mv/images/660x400/14763455097150.jpg|ވެމްކޯއިން ކުނި އުކާލުމަށް ގެންނަ ޓްރައިސައިކަލް / ފޮޓޯ: ވެމްކޯ

ވެމްކޯއިން ބުނީ، ޚިދުމަތުގެ ފީއެއްގެގޮތުގައި އެކުންފުނިން ނަގާ އަގަކީ ބޮޑު އަދަދެއްކަމަށް ޤަބޫލުނުކުރާކަމަށެވެ. އަދި މި އަގަކީ، މިހާރުވެސް އެވަރެޖްކޮށް މާލޭގެ ގޭބިސީތަކުން ކުނި އުކުމަށް މަހެއްގެ މައްޗަށް ކުރާ ޚަރަދުކަން އެ ކުންފުނިން ކުރި ދިރާސާއިން ފާހަގަކުރެވިފައިވާކަމަށާއި މިއަގު މިގޮތުގައި ދެމެހެއްޓުމަށް އެކުންފުނިން މަސައްކަތް ކުރާނެކަމަށް ފުއާދު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް މިދިޔަ އަހަރު ޑިސެމްބަރު މަހުތެރޭގައި ވެމްކޯއިން ރަސްމީ ސިފައެއްގައި ފަށާފައިވާއިރު، ކުނީގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަކީ އެކުންފުނީގެ އަމާޒެވެ. އަދި ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި، ކުނި މެނޭޖްކުރުމަށް ވެމްކޯއިން ކުރަމުންދާ މަސައްކަތް ޢާއްމުން ވަރަށް ބޮޑަށް ބަލައިގެންފައިވާކަން ވެމްކޯއިން ފާހަގަކުރެއެވެ.