ޚަބަރު

"ކާރިސާ ތަކާފުލް"ގެ ނަމުގައި އައު އިންޝުއަރަންސް ސްކީމެއް


ޤުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އަޔާދީ ތަކާފުލްއާއި، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ގުޅިގެން "ކާރިސާ ތަކާފުލް" ނަމުގައި އިންޝުއަރަންސް ސްކީމެއް މިއަދު ތައާރަފްކޮށްފިއެވެ.

"ކާރިސާ ތަކާފުލް" އިންޝުއަރަންސް ސްކީމް ތަޢާރަފްކުރެއްވުމުގެ ގޮތުން އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ދެމެދުވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރެޓީ އާދަމް ޝަރީފެވެ. އަޔާދީ ތަކާފުލްގެ ފަރާތުން ސޮއިކުރެއްވީ އެލައިޑް އިންޝުއަރަންސް ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަފާޒެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި އަޔާދީ ތަކާފުލްއިން މިއަދު ތައާރަފްކުރެއްވި އިންޝުއަރަންސް ސްކީމް މުހިއްމު ކަމަށެވެ. ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މި ސްކީމްގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެފަދަ ހާދިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މިފަދަ ސްކީމެއްގެ މުހިއްމުކަން ބޮޑުކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޔާދީ ތަކާފުލްގެ ކޮންސަލްޓަންޓް އިބްރާހިމް ފިރުޝާން ވިދާޅުވީ، މި ސްކީމް ޚާއްސަކޮށްފައިވަނީ، ގެދޮރު ކުއްޔަށްދޭ ފަރާތްތަކަށާއި، ކުއްޔަށްއުޅޭ ފަރާތްތަކުގެ އިތުރަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްކަމަށެވެ. ފިރުޝާން ވިދާޅުވީ މި ސްކީމް ފަރުމާކޮށްފައިވަނީ ޚިދުމަތްހޯދާ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނޭގޮތަށްކަމަށެވެ.

ކާރިސާއެއް ދިމާވެއްޖެނަމަ ވީހާވެސް އަވަހަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ކާރިސާ ތަކާފުލް ގެ އެންމެމުހިއްމު އެއް މަޤްސަދުކަމަށް އަޔާދީ ތަކާފުލްއިން ބުނެއެވެ.