ތަޢުލީމު

ސްކޫލް މާޙައުލުގައި އެނަރޖީ ޑްރިންކު ބޭނުންކުރުމަކީ މަނާކަމެއް!


އެނަރޖީ ޑްރިންކުން ޞިއްޙަތައް ލިބޭ ގެއްލުމުން، ސްކޫލް ކުދިން ރައްކާތެރިކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވައިފިއެވެ.

މިކަން އަންގަވައި އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ ހުރިހައި ސްކޫލްތަކަށް މިއަދު ފޮނުއްވި ސާކިއުލާގައި ވަނީ، ކިޔަވާކުދިން އެނަރޖީ ޑްރިންކުން ރައްކާތެރިކުރެއްވުމުގެ ގޮތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން، ސްކޫލްތަކުގައި މިފަދަ ބުއިންތައް ވިއްކުމާއި، ބުއިން މަނާކުރައްވާފައިވާކަމަށެވެ.

މިސާކިއުލަރގައި ވަނީ، ސްކޫލްގައި އެނަރޖީ ޑްރިންކް ވިއްކުމާއި، ބުއިމާއި، ސްކޫކްތަކުގައި ހިންގަވާ ޙަރަކާތްތައް ސްޕޮންސަރކުރުމާއި ސްކޫލަށް ފެންނަ ގޮތަށް މަގުމައްޗާއި ސްކޫލް ޢިމާރާތުގައި އެނަރޖީ ޑްރިންސްގް އިޝްތިހާރު ހަރުކުރުމަކީ މަނާކަމެއް ކަމަށެވެ.

އަންނަ އާދީއްތަދުވަހު ތަންފީޒްކުރައްވަން ފަށްޓަވާ މި ފިޔަވަޅުތަކުގެ ދަށުން، ހުރިހައި ސްކޫލެއްގެވެސް ކެންޓީންގައްޔާއި، އަދި ހިންގަވާ އެއްވެސް ޙަރަކާތެއްގައި ގަންނަން ނުވަތަ އެނޫންވެސް ގޮތަކަށް އެނާޖީ ޑްރިންކްސް ލިބެން ހުރުމަކީ މަނާކަމެކެވެ.

ހަމަ އެއާއެކު، ދަރިވަރުންނާއި، ސްކޫލްތަކުގެ މުވައްޒަފުން، އެއްވެސް ބާވަތެއްގެ އެނަރޖީ ޑްރިންކް ސްކޫލަށް ގެންދިއުންވެސް މި ސާކިއުލަރގައި ވަނީ މަނާކުރައްވާފައެވެ.

މީގެ އިތުރުން، އެނާޖީ ޑްރިންކްސްގެ އެއްވެސް އިޝްތިހާރެއް ސްކޫލް ގޯތީގެ ވަށައިގެންވާ މަގެއްގައި، ނުވަތަ ސްކޫލްގައި ތިބޭއިރު އެއްވެސް ފަރާތަކުން ފެންނަ ގޮތަށް މާލޭގައިނަމަ، އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް، އަދި އަތޮޅުތެރޭގައިނަމަ، ސިޓީ، އަތޮޅު ނުވަތަ ރަށު ކައުންސިލް މެދވެރިކޮށް، އެއިޝްތިހާރެއް ނެގުމަށްވެސް މި ސާކިއުލަރގައި އަންގަވާފައިވެއެވެ.