ޚަބަރު

"މިހާރު ބިންހެލުންތަކުގެ މަޢުލޫމާތު ވަގުތުން ރާއްޖެއަށް ލިބޭނެ"


ރާއްޖޭގައި ޤާއިމުކުރައްވާފައިވާ ދުރާލާ ސުނާމީ އިންޒާރުދޭ ނިޒާމަކީ، ދުނިޔޭގެ ކޮންމެ ސަރަޙައްދަކަށް ބިންހެލުމެއް އަޔަސް އޭގެ މަޢުލޫމާތު ރިކޯޑްކުރުމުގެ ޤާބިލްކަން ލިބިފައިވާ ނިޒާމެއްކަމަށާ، އެއީ ރާއްޖެފަދަ ޤައުމަކަށް މުހިންމު ނިޒާމެއްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާއަށް ފަހު ސަރުކާރުން ވަނީ ދުނިޔެއަށްއަންނަ ބިންހެލުންތަކާބެހޭ މަޢުލޫމާތު ރެކޯޑްކުރެވޭ ނިޒާމެއް، ރާއްޖޭގެ އުތުރާއި ދެކުނުގައި 2007 ވަނަ އަހަރު ޤާއިމްކުރައްވާފައެވެ. ސުނާމީގައި ރާއްޖެއަށް ލިބުނު ގެއްލުން އެހާބޮޑުވީ ދުރާލާ މިފަދަ އިންޒާރުދޭ ނިޒާމެއް ނެތުމުންކަމަށް ކަމާބެހޭ ފަރާތްތަކުން ޤަބުލުކުރައްވައެވެ.

ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވީ، ބިންހެލުންފަދަ ކާރިޘާތަކުގެ މަޢުލޫމާތު ދުރާލާ ހޯދުމުގެ ޤާބިލްކަން ލިބިފައިވާ ދެ ނިޒާމެއް ރާއްޖޭގައި ޤާއިމްކުރައްވާފައިވާކަމަށެވެ. އެދެނިޒާމުވަނީ ދުނިޔޭގެ ބިންހެލުން ރެކޯޑްކުރާ މަރުކަޒާ ގުޅާލާފައިކަމަށާއި، އެހެންކަމުން ދުނިޔޭގެ ކޮންމެ ތަނަކަށް އަންނަ ބިންހެލުންވެސް ރެކޯޑްކުރެވޭކަމަށެވެ. އަދި ބިންހެލުމުގެ މަޢުލޫމާތު ވަރަށް އަވަހަށް ރިކޯޑްކުރެވި، އެ ބިންހެލުމުން ރާއްޖެއަށް އެއްވެސް އަސަރެއް ކުރާނެކަމަށް ލަފާކުރެވޭނަމަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމާބެހޭ އިދާރާތަކަށާއި، ޢާންމުންނަށް އެމަޢުލޫމާތު އެސްއެމްއެސް އެއް މެދުވެރިކޮށް ފޯރުކޮށްދެވޭނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އަރާނަމަ، އެ ސުނާމީގެ ބާރުމިނާއި ވަގުތު ރިކޯޑްކުރުމުގެ ޤާބިލްކަންވެސް އެ އިދާރާއަށް ލިބިގެންވާކަމަށާ، އެހެންކަމުން ދުރާލާ ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމުގެ ފުރުޞަތު ލިބޭނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.