ޚަބަރު

ސުނާމީ ކާރިސާއަށް 12 އަހަރު


މުޖުތަމަޢަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ، އެމުޖުތަމަޢަކީ އުޚްވަތްތެރި އެއްބައިވަންތަ، އެއްބައެއްވަންތަ ބައެއްކަމުގައިވުމެވެ. އެއްބައިވަންތަކަމަކީ އިސްލާމްދީން އެންމެ ބޮޑަށް ބާރުއަޅާ އެއްސިފައެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް އެއްބައިވަންތަކަމުގެ ދުވަހުގެގޮތުގައި ފާހަގަކުރަމުންދާއިރު، ފަހުގެ ތާރީޚުގައި ދިވެހިންގެ އެއްބައިވަންތަކަން އެންމެ ބޮޑަށް ފެނުނީ  2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ސައްބީސް ވަނަ ދުވަހު ކުރިމަތިވި ހިތާމަވެރި ބިރުވެރި ސުނާމީ ކާރިސާއާއި ގުޅިގެންނެވެ. ސުނާމީ ކާރިސާގައި ރާއްޖެއިން 15،000 މީހުންގެ ގެދޮރު ގެއްލި، 13 ރަށަކުން މީހުން ހުސްކޮށް، އެހެން ރަށްރަށަށް ބަދަލުކުރަންޖެހުނެވެ. މި ކާރިސާގެ އަސަރު ރާއްޖޭގެ އާބާދީގެ ތިންބައިކުޅައެއްބައި މީހުންނަށް ސީދާ ގޮތެއްގައި ކޮށްފައިވެއެވެ.  9 ރަށެއް ފިޔަވައި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ސުނާމީގެ އަސަރުކުރިއެވެ.

މިއަދަކީ، ސުނާމީގެ ބިރުވެރި ކާރިސާ ކުރިމަތިވިތާ 12 އަހަރުފުރުނު ދުވަހެވެ. ސުނާމީ ކާރިސާއާ ގުޅިގެން ދިވެހިންގެ ފަރާތުން ފެނިގެންދިޔަ އެއްބައިވަންތަކަމަކީ މިއަދު މިދުވަސް ފާހަގަކުރާ އެންމެ ބޮޑު ސަބަބެވެ. އެދުވަހު އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް އަތުކުރިއޮޅާލައި، ދިވެހިން ވަނީ ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކާފައެވެ.

ސުނާމީ ގައި ޙާލުގައި ޖެހުނު ރައްޔިތުންނަށް އަޅައިލުމާއި އޯގާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދޭން ދިވެހީން ދައްކައިދިން އެއްބައިވަންތަކަމަކީ ދިވެހި ސަޤާފަތުގެ ވަރަށް ރީތި މިސާލެކެވެ.

އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އާރާސްތުކުރަމުންދިޔަ ދިރިއުޅުން ސުނާމީގެ ބިޔަ އުސް ރާޅުގެ ތެރޭގައި ވަނީ އޮޔާގޮސްފައެވެ. ސުނާމީގައި ހާލުގައި ޖެހުނު ބައެއް މީހުންނަކީ ހަމައެކަނި އަމިއްލަ ނަފްސު ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތި މުޅި ދިރިއުޅުން ގެއްލިގެންދިޔަ މީހުންނެވެ. ކާރިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޙާލުގައިޖެހުނު މީހުންނަށް އެހީ ފޯރުކޮށްދެއްވުމަށް ސަރުކާރުގެ އިދާރާތަކާއި، ސިފައިންނާއި ފުލުހުން ގުޅިވަޑައިގެން މަސައްކަތް ފެއްޓެވިއެވެ. ޙާލުގައިޖެހުނު މީހުންނަށް ތަކެތި ފޯރުކޮށްދިނުމަށް ހުޅުވާލެއްވި ފުރުޞަތުގައި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދޭން ފެށިއެވެ.

މިއާއެކު އެހީބޭނުންވާ ފަރާތްތަކަށް ބޯފެނާއި ބޭހާއި ކާބޯތަކެއްޗާއި، އަންނައުނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުޑަ ހިނދުކޮށްޅެއްގެތެރޭގައި ފެށިގެންދިޔައެވެ.

ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ދިވެހިރާއްޖޭގެ ގިނަ ރަށްތަކެއް ހިނދުކޮޅެއްގެ ތެރޭގައި ސުންނާފަތިކޮށްލި ބިޔަ ރާޅުގެ ބިރުވެރިކަމަކީ ދިވެހިންގެ ހިތްތަކުން ފިލައިގެންދާނެ ހަނދާންތަކެއް ނޫނެވެ. އެހެންނަމަވެސް ދިވެހިން ދައްކައިދިން އެއްބައިންތަކާއި، އެކުވެރިކަމާއި، ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް ވެދިން އެހީތަކަކީ އެފަރާތްތަކުން އަބަދުވެސް ޝުކުރުވެރިވާނެކަމެކެވެ.

ސުނާމީ ކާރިސާގައި ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ގެއްލުނެވެ. ޢުމްރާނީ އެތައް ވަޞީލަތްތަކެއް ބިމާ ހަމަވެ، އިޤްތިޞާދީގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔައެވެ. ތަރައްޤީގައި އެތައް އަހަރެއް ފަހަތަށް ޖެހި އަލުން ބަލުން ޤައުމު ބިނާކުރުމުގެ މަސައްކަތްކުރަންޖެހުނެވެ. އެހެންނަމަވެސް ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ރިވެތި ނަމޫނާއާ، އެކި ފަރާތްތަކުން ލިބިގެންދިޔަ އެހީތަކާއެކު ޤައުމު މިވަނީ އަލުން އާރާސްތުކުރެވިފައެވެ.

ދިވެހިންނަށް މިހާރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ދުވަހު ޙާލުގައި ޖެހި ގެދޮރު ގެއްލި ވަގުތީ ހިޔާވަހިތަކުގައި ދިރިއުޅެމުންއައި ހުރިހާ ރައްޔިތުން ދާއިމީ ހިޔާތަކަށް ބަދަލުކުރެއްވުމުން ލިބޭ ހިތްހަމަޖެހުމެވެ. މިއީވެސް އެއްބައިވަންތަކަމަކުން ޙާޞިލްވި ނަތީޖާއެވެ.

އެއްބައިވަންތަކަމަކީ އަމާން އައްސޭރިއަކަށް ޤައުމު ގެންގޮސްދޭނެ ކަމެއްކަން މިވަނީ ކަށަވަރުވެފައެވެ. އެހެންކަމުން މިމުޖުތަމަޢުގައި މިފަދަ އެއްބައިންތަކަމެއް ނެގެހެއްޓުމަށްޓަކައި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކޮށް އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގެ ތަނބުތައް ވަރުގަދަ ކުރަންޖެހެއެވެ.