ޚަބަރު

ސަލްޓަންޕާކްގެ ފޭސް 1 އަދި 2، އަންނަ ޖޫން މަހުގެ ނިޔަލަށް ނިމޭނެ


ސަލްޓަން ޕާކް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އަދި 2 ވަނަ ފިޔަވަހީގެ މަސައްކަތް މިފެށޭ 2017 ވަނަ އަހަރުގެ ޖޫން މަހަށް ނިމޭނެ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފިއެވެ. މި މަސައްކަތް އެކުންފުންޏާ ސަރުކާރުން ޙަވާލުކުރައްވާފައިވަނީ، މި ހިނގާ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. img:http://s3.psmnews.mv/images/660x400/14826815660650.jpg|ސަލްޓަންޕާކު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މިހާރު ސަލްޓަން ޕާރކް ޕްރޮޖެކްޓްގައި ކުރިއަށްދަނީ ފޭސް 1 އަދި ފޭސް 2 ގެ މަސައްކަތެވެ. ފޭސް 1 އަދި 2 ގެ މަސައްކަތް ނިންމައި މިނިސްޓްރީއާ ޙަވާލުކުރެވޭނެ ކަމަށް ލަފާކުރެވެނީ، މި ފެށޭ 2017 ވަނަ އަހަރުގެ ޖޫންހާތާނގައެވެ. ކުރިން ފޭސް 1 ގެ މަސައްކަތް ނިންމުމަށް ކަނޑައެޅި ތާރީޚަށް ނުނިންމުނު ސަބަބު އެމްޓީސީސީގެ އިންޖިނިއަރެއްގެ ހައިސިއްޔަތުން ސަލްޓަން ޕާރކް މަޝްރޫޢުގެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ މުޙައްމަދު ޙަމްދާން ބާޤިރު ވިދާޅުވިއެވެ.  

"މަސައްކަތް ލަސްވެގެން ދިޔައީ، މަސައްކަތަށް ބޭނުންވާ ގިނަ ތަކެއްޗަކީ ބޭރުން ގެންނަ ތަކެއްޗަށް ވުމުން. އެންމެ ރަނގަޅު ސަޕްލައި ހޯދުމަށް މުއްދަތެއް ނެގީ. ކޮލެޓީ ދަމަހައްޓައިގެން މަސައްކަތް ކުރިއަށްގެންދިޔުމަށް މިނިސްޓްރީންވެސް އަހައްމިއްޔަތުކަންދޭ. އަދި ޕާރކް ގްރީން ކުރުމަށްވެސް މުއްދަތެއް ބޭނުންވޭ" މުޙައްމަދު ޙަމްދާން ބާޤިރު ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14826817106541.jpg|ސަލްޓަންޕާކު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ސަލްޓަން ޕާކް ތަރައްޤީ ކުރައްވަނީ، މުނިފޫހި ފިލުވުމާއި، އެޑިއުކޭޝަނަލް ފީޗާރތައްވެސް ހިމެނޭ ގޮތަށެވެ. ތިން މަރުހަލާއަކަށް ބަހާލައިގެން މި މަސައްކަތް ކުރިއަށްދާއިރު، ފުރަތަމަ ފޭސް އަދި ދެވަނަ ފޭސްގައި ހިމެނޭ މުހިއްމު ބައިތަކުގެ ތެރޭގައި ހެރިޓޭޖް ޕްލާޒާއެއްގެ ގޮތަށް ތައްޔާރުކުރާ އުސްގެކޮޅާއި، ދެބުރިއަށް ފަރުމާކޮށްގެން ހަދާ ފައުންޓަނާއި، ކުޑަކުދިންނަށް ޚާއްޞަ ކުޅޭ ސަރަޙައްދަކާއި، ގްރީން ވޯކް ޓަނަލްއަކާއި، ސްޓޭޖް ޑްރާމާތަކަށް ޚާއްޞަ ތިއޭޓަރަކާއި، ޕްލޭ އޭރިއާއެއްވެސް ހިމެނެއެވެ. އަދި ޕާރކްގައި ހިމެނޭ ޚާއްޞަ ކަންކަން އެމްޓީސީސީގެ އިންޖިނިއަރެއް ކަމަށްވާ ޢަލީ ނިފްސާން ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14826816006871.jpg|ސަލްޓަންޕާކު - ފޮޓޯ: ޕީއެސްއެމް

"ޕާކަށް ޚާއްޞަ ލައިޓްތަކެއް ޖެހިގެންދާނެ. ފައިދިގު ތާނައިން ލިޔެފަ ހުންނަ ލައިޓްސް ތަކެއް. ޕްލޭ އޭރިއާއެއް ކުޑަކުދިންނަށް ޚާއްސަކޮށް. ޕްލޭ ހައުސް އެއް ހިމެނޭނެ. ގަހެއްގެ ވަށައިގެން ހުންނާނީ މުޅި ޕާރކް ފެންނަ ގޮތަށް." ޢަލީ ނިފްސާން ވިދާޅުވިއެވެ. ސަލްޓަން ޕާރކްގެ 3 ވަނަ ފިޔަވަހީގައި ހިމެނެނީ ވިންޓަރ ތީމް އޭރިއާއެކެވެ. ސަލްޓަން ޕާރކް މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާ މަޝްރޫޢެއް ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.