ވިޔަފާރި

އިކޮނޮމިކް މިނިސްޓްރީގެ ގޮތްޕެއް އައްޑޫ ސިޓީގައި ހުޅުވައިފި


މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދެއްވަމުން ގެންދަވާ ގިނަ ޚިދުމަތްތަކާއެކު، އައްޑޫސިޓީގައި އެ މިނިސްޓްރީގެ ގޮތްޕެއް ރަސްމީކޮށް ހުޅުއްވައިފިއެވެ. 

އައްޑޫގައި ޤާއިމްކުރެއްވި މި ގޮފި ހުޅުއްވައިދެއްވީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ މުޙައްމަދު ސަޢީދުއެވެ. ގޮފި ހުޅުއްވައިދެއްވުމަށްފަހު އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅުގައި، މިހާރުވެސް އިކޮނޮމިކް މިނިސްޓްރީން ދެއްވަމުން ގެންދަވާ ގިނަ ޚިދުމަތްތަކެއް އައްޑޫ ގޮފިން ލިބެން ހުންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ހުރިހާ ޚިދުމަތެއް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ވިޔަފާރި ތަރައްޤީކޮށް ސަރުކާރުންދޭން ޖެހޭ އެއްބާރުލުން އެންމެ ކައިރިން ދެއްވުން ކަމަށެވެ. މުސްތަޤްބަލްގައި އިމިގްރޭޝަނުން ދެއްވާ ބިދޭސީ މަސައްކަތު މީހުންނާ ގުޅޭ ޚިދުމަތްތައްވެސް އައްޑޫ ގޮފިން ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫސިޓީއަކީ ވަރަށް ބާރަށް ތަރައްޤީވަމުން އަންނަ ސަރަޙައްދެއްކަން ފާހަގަކުރައްވަމުން، އިކޮނޮމިކް މިނިސްޓްރީގެ ގޮފީގެ ސަބަބުން އައްޑޫސިޓީގެ ރައްޔިތުންނަށް އެތައް ގޮތަކުން ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫގައި ޤާއިމްކުރެވުނު އިކޮނޮމިކް މިނިސްޓްރީގެ ގޮއްޕަކީ މާލެއިން ބޭރުގައި ހުޅުވުނު ފުރަތަމަ ގޮއްޕެވެ. އައްޑޫސިޓީގައި ޤާއިމް ކުރައްވާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ގޮފި ޚާއްސަ ކުރައްވާފައިވަނީ ދެކުނުގެ އަތޮޅުތަކަށްކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި ގޮފިން ސަރުކާރުގެ ތިން އިދާރާއަކުން ދެއްވަމުން ގެންދަވާ ޚިދުމަތްތައް ލިބެން ހުރެއެވެ. މީގެ ތެރޭގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، އެ މިނިސްޓްރީގެ ދަށުން ހިންގަވަމުން އަންނަ ޓްރާންސްޕޯޓް އޮތޯރިޓީއާއި، އަދި ދެކުނުގެ ބިޒްނަސް ސެންޓަރ ހިމެނެއެވެ. 

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަވަމުން ގެންދަވާ ބިޒްނަސް ސެންޓަރުތައް ރާއްޖޭގެ 7 ސަރަޙައްދެއްގައި މިހާރުވެސް ޤާއިމް ކުރައްވާފައިވެއެވެ.