ޚަބަރު

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި


މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކޮށް އަމާން ރައްކަތެރި މާހައުލެއް ޤާއިމްކުރުމުގެ ގޮތުންނާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް މަދުކުރުމާއި ކުށްމަދުކުރުމުގެ ގޮތުން ހިންގާ ހާއްސަ އޮޕަރޭޝަނެއްކަމަށެވެ.

މި އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް އެކި ސަރަޙައްދުތައް ބަލައިފާސްކުރުމުގެ އިތުރުން ކ. އަތޮޅުގެ އެހެން ރަށްތަކަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ޕޮލިހުން ވިދާޅުވެއެވެ. މި އޮޕަރޭޝަންތަކުގައި ފާރަގެމަ ބޭނުންކުރާއިރު މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތުކުރެވޭ މީހުންނާއި ސަރަޙައްދުތައް ބަލާ ފާސްކުރަމުންދާނޭކަމަށް ޕޮލިހުން ވިދާޅުވެއެވެ. 

އެގޮތުން މި އޮޕަރޭޝަނުގައި މިހާތަނަށް ތުހުމަތުކުރެވޭ 369 މީހުންނާއި 4 ތަނެއް ބަލައިފާސްކޮށްފައިވާއިރު ބަލައިފާސްކުރެވުނު ތަންތަނުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ބައެއް ތަކެތި ފެނިފައިވާކަމަށެވެ. 

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ މިހާތަނަށް ވަނީ އެތައް ކިލޯއެއްގެ މަސްތުވާތަކެތި ހޯދާފައެވެ.