ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ހަމަހަމަ ފުރުޞަތު


ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މައިދާނަށް ނެރުމަށާއި، ވަޒީފާގައި ދެމިތިބުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކަށް އަމާޒުކުރައްވައިގެން އަންނަ އަހަރު ޚާއްސަ މަސައްކަތްތަކެއް ކުރައްވަން ޤަސްދުކުރައްވާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ "ހަމަ ހަމަ ފުރުސަތު" އެންމެނަށް މި ސިޔާސަތުގެ ދަށުން ނުކުޅެދުންތެރިކަން ހުނި 100 މީހަކަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ދެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައި، ބައިވެރިވެވޭނެ މަގުފަހިކޮށްދިނުމަކީ، މުޅި ޤައުމުގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއްކަމަށެވެ.

އެފަދަ މީހުންނަށް ފުރުޞަތުތައް ފަހިކޮށްދެއްވަމުންދާއިރު، ވަޒީފާދޭ ފަރާތްތަކާއި، އެކުގައި މަސައްކަތްކުރާ މުވައްޒަފުން ހޭލުންތެރިކުރުވުމަކީ، އެމީހުން ވަޒީފާގެ މައިދާނަށް ނެރުމަށާއި، ވަޒީފާގައި ދެމިތިބުމަށް ކުރަންޖެހޭ މުހިންމު މަސައްކަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަމެއްގެ ސަބަބުން، މުޖްތަމައުގައި ތަހައްމަލުކުރަންޖެހޭ ތަފާތުކުރުންތައް ނައްތާލައި ރައްކާތެރިކޮށްދިނުމަށް ވެސް އަންނަ އަހަރު ޖެންޑަރ މިނިސްޓްރީން މަސައްކަތްތަކެއް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14826614802879.jpg|މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ- ފޮޓޯ: ޕީއެސްއެމް

"ވަޒީފާގައި ހަރަކާތްތެރިވުމަށް ހުރި ގޮންޖެހުންތަކާއި، އެކަށީގެންވާ މާހައުލެއް ޤާއިމްކުރުމަށް ކުރަން ހުރި މަސައްކަތްތަކާއި، ވަޒީފާގެ ކުރިއެރުމަށް ބޭނުންވާ ހުނަރާއި ތަމްރީންތަކަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަކީވެސް އެހާމެ މުހިންމުކަމެއް. އަދި މިކަމަށް އަމާޒުކޮށް އަންނަ އަހަރުގެ ތެރޭގައި ޚާއްސަ މަސައްކަތްތަކެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ކުރަން ޤަސްދުކުރާ ވާހަކަ މި ފުރުސަތުގައި ދަންނަވަން." މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓަރ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ޙައްޤުތައް ހިމާޔަތްކޮށް، ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުމާއި، މުޖްތަމަޢުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުމަށް އަދުގެ ސަރުކާރުން ޚާއްސަ އަހަމިއްޔަތުކަން ދެއްވާކަމަށެވެ. އެގޮތުން އެފަދަމީހުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުއާހަދާ، ރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި މިކަމާގުޅޭ ޤާނޫނީ އޮނިގަނޑު އެކުލަވާލާ، މިހާރު ޢަމަލުކުރަން ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެ ޤާނޫނުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސް ދިނުމާއި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ވީލްޗެއަރ އާއި ހިއަރިންގ އެއިޑްފަދަ ވަސީލަތްތައް ސަރުކާރުގެ ފަރާތުން ދެއްވުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން އެމީހުންގެ ހުނަރާއި ގާބިލްކަން ތަރައްޤީކުރުމަށް ބޭނުންވާ އެކި ޚިދްމަތްތައް އެންމެ އެކަށީގެންވާގޮތަކަށް ފޯރުކޮށްދިނުމަށްޓަކައި، ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާނެ ފަންނީ މީހުން ބިނާކުރުމަށްވެސް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް އެކަމަނާ ވިދާޅުވިއެވެ. 

ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ހޯއްދަވައި ދެއްވުމަކީ ވަރަށް މުހިއްމު އަދި ތާރީޚީ ކަމެއް ކަމުގައިވެސް މިނިސްޓަރު ޒެނީޝާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިލްތިމާސްއެއްގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ 100 ފަރާތަކަށް ރާއްޖޭގެ އެކި ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް ހަމަޖައްސަވައިދެއްވުމަކީ، ރާއްޖޭގެ ތާރީޚުގައި މި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް" މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރާއި ޤާބިލުކަން ވަޒަންކޮށް، ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދީ، އެމީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރުގެ އެކި ކުންފުނިތަކުން، އެފަދަ މީހުންނަށް ގިނަ އަދަދެއްގެ ވަޒީފާ ވަނީ ހަމަޖައްސަވައިދެއްވާފައެވެ.