ޚަބަރު

ނުކުޅެދުންތެރިކަން ހުރި 100 މީހަކަށް ފެނަކައިން ވަޒީފާ ދީފި


"ހަމަ ހަމަ ފުރުޞަތު" އެންމެނަށް މި ސިޔާސަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޚާއްސަ އިނާޔަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ  100 މީހަކަށް ފެނަކައިން ވަޒީފާ ދެއްވި ކަމުގެ ލިޔުން ހަވާލުކުރައްވައިފިއެވެ.

މިކަމައްޓަކައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރަށްރަށުގެ ފެނަކަ ބްރާންޗްތަކުން ވާޒީފާ ހަމަޖައްސަވައިދެއްވި މީހުންނަށް އެކަމުގެ ލިއުން ހަވާލުކޮށްދެއްވީ ރައީސުލް ޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ރައީސުލް ޖުމްޙޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްވަނީ ފެނަކައިން ވަޒީފާ ދެއްވި 3 މީހަކަށް ސަދަގާތު ފައުންޑޭޝަނުން ދެއްވި ފުރޮޅުލީ ގޮނޑި އެމީހުންނާ ހަވާލުކޮށްދެއްވާފައެވެ.

މިރަސްމިއްޔާތުގައި ވަޒީފާގެ ލިޔުން ހަވާލުކުރައްވާފައިވަނީ ޖަލްސާގައި ބައިވެރިވި 74 މީހަކަށެވެ. އަދި އެކި ސަބަބުތަކާހެދި ހާޒިރު ނުވެވުނު މީހުންގެ ނަންތައްވެސް މި ރަސްމިއްޔާތުގައި އިޢުލާންކުރައްވާފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ތަފާތު ފުރުޞަތުތަކެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާގިނަ ވަޒީފާގެ ފުރުޞަތު ލިބިގެންދިއުމަކީ،

ރާއްޖޭގެ ތާރީޚުގައިވެސް މިދާއިރާއިން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

މިކަމުގައި ފެނަކައިގެ ހިއްސާ ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ އެކި ކުންފުނިތަކުން މިހާރުވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދެއްވަމުން ގެންދަވާކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖޭގައި ޤާނޫނީ ގޮތުންވެސް މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، އެމީހުންނަށް ބޭނުންވާ ކަންކަން އިތުރަށް ފުރިހަމަ ކުރެއްވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ކުރިއެރުމާއި މަސައްކަތުގެ ދާއިރާގައި ތަމްރީނާއި ހުނަރު އިތުރު ކުރެއްވުމަށް ޖެންޑަރ މިނިސްޓްރީން އަންނަ އަހަރު މަސައްކަތްތަކެއް ފައްޓަވާނެކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ފެނަކަ ޓީމާއި ގުޅުނު މީހުންނަށް މަރުހަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ  އަހްމަދު ޝަރީފް ވިދާޅުވީ، ފެނަކައިގެ އިޖްތިމާއީ ޒިންމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދެއްވާ ފުރުސަތުގެ ތެރެއިން މުހިއްމު ޒިންމާއެއް އަދާކުރެވޭކަމީ  ލިބުނު ވަރަށް ބޮޑު ފަޚުރެއްކަމަށެވެ. އަދި އެމީހުންނަށް ބޭނުންވާ އިތުރު ތަމްރީނާއި ފުޞަތުތައް ފަހިކޮށްދިނުމަށް ކަމާގުޅޭ މުއައްސަސާތަކާގުޅިގެން މަސައްކަތްކުރަމުންދާނެކަމަށެވެ. އަދި އެ ކޯޕަރޭޝަނުން ވަޒީފާގެ ފުރުޞަތުދިން ނުކުޅެދުންތެރިކަން ހުރި މީހުންނާމެދު އަޅައިލުމާއި އޯގާތެރިކަމާއެކު ކަންކަން ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ޝަރީފް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ފެނަކައިގެ މަސައްކަތް ކުރިއަރުވައި ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައި އެކޯޕަރޭޝަނަކީ ހަމައެކަނި ޚިދުމަތްދޭ ކުންފުންޏެއްގެ ބަދަލުގައި އެޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް އުފެއްދޭވަރުގެ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރައްވަމުންދާކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ފެނަކަ ކޯޕަރޭޝަނާއި އަލަށް ގުޅުނު މުވައްޒަފުންނާއެކު، 152 ރަށެއްގައި އެކުންފުނީގެ 2700 މުވައްޒަފުން މިހާރު ހަރަކާތްތެރިވަމުންދެއެވެ.