ޚަބަރު

ރާއްޖެއިން ބޭރުގައި ފޮށި ބެހެއްޓޭ އަދަދަށް ރަޖިސްޓްރީއެއް ނުކުރޭ


އަންނަ އަހަރު ބޭއްވެވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭ ޢަދަދަށް، މިހާތަނަށް މީހުން ރަޖިސްޓްރީވެފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި އިންޑިއާގެ ޓްރިވެންޑްރަމް އަދި ސްރީލަންކާގެ ކޮލޮމްބޯގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމަވާފައެވެ. އެ ތަންތަނުގައި ދެހާސް މީހުން ރަޖިސްޓްރީ ވެއްޖެނަމަ ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައި ވީނަމަވެސް މިހާތަނަށް އެ ޢަދަދާއި ގާތަށްވެސް މީހުން ރަޖިސްޓްރީވެފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެކޮމިޝަންގެ މެމްބަރު އިސްމާޢިލް ޙަބީބު ވިދާޅުވީ، މިހާތަނަށް ޓްރިވެންޑްރަމްގައި ވޯޓު ލުމަށް ރަޖިސްޓްރީވެފައިވަނީ، 110 މީހުންކަމަށެވެ. އަދި ކޮލޮމްބޯގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ 580 މީހުންކަމަށެވެ.

މީގެ އިތުރުން ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓޭނީ 100 މީހުން ވޯޓު ލުމަށް ރަޖިސްޓްރީވެގެންކަމަށް ވީނަމަވެސް މިހާތަނަށް ވޯޓު ފޮށި ބެހެއްޓޭ ޢަދަދަށް ރަޖިސްޓްރީވެފައި ވަނީ 6 ރިސޯޓަކުންކަމަށް ޙަބީބު ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވަވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫންތަނެއްގައި ހަތްދިހަ ހާހެއްހާ މީހުން ރީ-ރަޖިސްޓްރީ ކުރާނެކަމަށް އެކޮމިޝަނުން ވަނީ ލަފާކުރައްވާފައެވެ. ނަމަވެސް އިލެކްޝަނސް ކޮމިޝަންގެ މެމްބަރު ވިދާޅުވީ، މިހާތަނަށް ރީ-ރަޖިސްޓްރީވެފައި ވަނީ ތިރީސް ހާހެއްހާ މީހުންކަމަށެވެ.

މި ޢަދަދު މަދުވީ، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުން ދެމަސް ދުވަހަކަށް ފަސްކުރެއްވުމަށް ސިވިލް ކޯޓުން ކުރެއްވި ޙުކުމާއި ގުޅިގެން އިތުރު ފުރުޞަތު އަދި ހުޅުވާލާނެކަމަށް ޤަބޫލްކުރެވޭތީކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާތަނަށް ކެނޑިޑެންސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމުން ހުށައަޅާފައެއް ނުވެއެވެ. ޙަބީބު ވިދާޅުވީ، މިހާތަނަށް އެއްހާހާއި ގާތްކުރާ ޢަދަދަކަށް އިންތިޚާބުގައި ވާދަކުރުމަށް ކެނޑިޑެންސީ ފޯމް ހުށައަޅާފައިވާކަމަށެވެ.

ފޯމްތައް ބަލައިގަތުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ފޯމްގައި ފުރަންޖެހޭ މުހިންމު މަޢުލޫމާތުތައް ފުރިހަމަ ނުކޮށް ހުރުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން ކެނޑިޑޭޓުންގެ ނަމާއި އެޑްރެސް އަދި ކުށުގެ ފޯމްގައި ފުރިހަމަ ކުރަންޖެހޭ ގިނަ ކަންކަން ފުރިހަމަ ނުކޮށް ހުށައެޅުމުން ބައެއް ފޯމްތައް ބާޠިލްކުރައްވާފައިވާކަމަށް އިލެކްޝަސް ކޮމިޝަންގެ ލީގަލް އޮފިސަރ ރިފްޢަތު ޢަބްދުﷲ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ދެމަސް ދުވަހަށް ފަސްކުރެއްވުމަށް ސިވިލް ކޯޓުން ކުރެއްވި ޙުކުމް އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވުމަށްފަހު އެކޮމިޝަނުން ވަނީ އިސްތިޢުނާފްގެ މައްސަލަ އަނބުރާ ނެންގެވުމަށް ނިންމަވާފައެވެ. މިގޮތަށް ނިންމެވީ، އިންތިޚާބުތަކުގައި ޤައުމީ ލަފާދެއްވާ ކޮމިޓީގެ ލަފާފުޅާ އެކުއެވެ.