ދުނިޔެ

ފަލަސްތީނުގެ ބިމުގަ ގެދޮރު އެޅުން ހުއްޓުވަން ޤަރާރެއް ފާސްކޮށްފި


އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ގެދޮރުއެޅުން ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާ އދ. ގެ ސަލާމަތީ މަޖިލީހުން ޤާރާރެއް ފާސްކޮށްފިއެވެ.

1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ހިފާފައިވާ ބިންތަކުގައި ގެދޮރުއެޅުމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރާ އެއްކޮޅަށް ސަލާމަތީ މަޖިލީހުގެ 15 މެމްބަރު ޤައުމުގެ ތެރެއިން 14 ޤައުމަކުން ވޯޓް ދީފައިވެއެވެ. ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި ހިމެނޭ އިސްރާއީލަށް ތާއީދުކުރާ އެމެރިކާއިން މިފަހަރު ވަނީ ޤަރާރު ވިޓޯކުރުމުގެ ބަދަލުގައި، ވޯޓުގައި ބައިވެރިނުވެ، ޤަރާރު ފާސްކުރުމަށް މަގުފަހިކޮށްދީފައެވެ. ޢާއްމު ގޮތެއްގައި އިސްރާއީލާ ދެކޮޅަށް އދ. އަށް ހުށަހަޅާ ހުރިހާ ޤަރާރެއް އެމެރިކާއިން ވީޓޯ ކުރެއެވެ.

މިޤަރާރު ސަލާމަތީ މަޖިލީހަށް ހުށަހެޅީ މިސްރުންނެވެ. ނަމަވެސް އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެފައިވާ ޑޮނާލްޑް ޓްރަމްޕާއި އިސްރާއީލުގެ ބާރުއެޅުންތަކާއެކު މިސްރުން ޤަރާރު އަނބުރާ ގެންދަން ނިންމިއެވެ. ނަމަވެސް ސަލަމާތީ މަޖިލީހުގެ މެމްބަރު ޤައުމުތަކުގައި ހިމެނޭ މެލޭޝިޔާ، ނިއުޒިލެންޑް، ސެނަގަލް އަދި ވެނެޒުއޭލާއިން ގުޅިގެން ޤަރާރު ހުށަހެޅިއެވެ. 

img:http://s1.psmnews.mv/images/660x400/8548.jpg|ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް- ފޮޓޯ: ޒިންހުއާ

މިޤަރާރު ފާސްވުމާ ގުޅިގެން ފަލަޞްތީނުން ވަނީ މިއީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

"މިއީ ބައިނަލްއަޤްވަމީ ޤާނޫނުތަކަށް ނަސްރު ލިބުނު ދުވަހެއް. މިއީ މަޝްވަރާއަށް ލިބުނު ނަޞްރެއް. އަދި އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބާރުތަކަށް އެންމެން އެކުގައި ނޫނެކޭ ބުނުން" ފަލަޞްތީނުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާ އިސް މަންދޫބު ސާއިބު ޢުރައިޤާތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިޤަރާރުން ހާމަވެގެންދިޔައީ ބައިނަލްއަޤްވާމީ މުޖްތަމަޢު އިސްރާއީލުން ހިންގާ ޢުދުވާނީ ޢަމަލުތަކާ ދެކޮޅުކަމެވެ. އަދި ސަލާމަތާއި ޞުލްޙައަށް އޮތް ގޮތަކީ ހިފައިވާ ބިންތަކުގައި ގެދޮރު އެޅުމުގެ ބަދަލުގައި މަޝްވަރާގެ މަގުން ކުރިއަށްދިއުންކަން މިޤަރާރުން ހާމަވެގެން ގޮސްފައިވާކަމަށް ޢުރައިޤާތު ވިދާޅުވިއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުން އިސްރާއީލާ ދެކޮޅު ޤަރާރު ފާސްވުމުން، މެމްބަރު ޤައުމުތަކުގެ ޑިޕްލޮމެޓުން ވަނީ ސަލާމަތީ މަޖިލިސް ކުރިއަށްދިޔަ ޗެމްބަރުތެރޭގައި އަތްތިލަބަޑި ޖައްސަވައި އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. މިއީ ވޭތުވެދިޔަ 8 އަހަރުގެ ތެރޭގައި އިސްރާއީލާއި ފަލަސްތީނާ ގުޅޭގޮތުން އދ.ގެ ސަލަމާތީ މަޖިލީހުން ފާސްކުރެއްވި ފުރަތަމަ ޤަރާރެވެ.

މިޤަރާރުގައި ބުނެފައިވަނީ 1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ހިފާފައިވާ ބިންތަކުގައި ގެދޮރުއެޅުމަކީ ޤާނޫނީ ސައްޙަކަމެއް ނެތް ކަމެއް ކަމަށެވެ. އަދި ހިފާފައިވާ ބިންތަކުގައި ގެދޮރު އެޅުމަށް އިސްރާއީލުން ހިންގާ ހުރިހާ މަޝްރޫޢެއް ވަގުތުން ހުއްޓާލުމަށްވެސް އދ.ން ފާސްކުރި ޤަރާރުގައިވެއެވެ. އަދި މިއީ ފަލަޞްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ޤަރާރުގައިވެއެވެ.

ޤަރާރު ފާސްވުމުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ވަނީ މިޤަރާރަށް ޢަމަލު ނުކުރާނޭކަމަށް ބުނެފައެވެ.

img:http://s3.psmnews.mv/images/660x400/4885.jpg|އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ- ފައިލް ފޮޓޯ: ޒިންހުއާ

"އިސްރާއީލާ ދެކޮޅު މި ލަދުވެތި ޤަރާރު އިސްރާއީލުން ޤަބޫލެއް ނުކުރަން.. ޤަރާރާ އެއްގޮތަށް ޢަމަލެއް ނުކުރާނަން" އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ވެއެވެ.

ޢާއްމު ގޮތެއްގައި އިސްރާއީލާ ދެކޮޅަށް ހުށަހަޅާ ޤަރާރުތައް ފާސްކުރުމާ ދެކޮޅުހެދުމުގެ ގޮތުން ވީޓޯގެ ބާރު ބޭނުންކުރުގެ ތާރީޚެއް އޮންނަ އެމެރިކާއިން ޤަރާރު ވީޓޯ ނުކުރުމުން ގިނަ ބަޔަކަށް ހައިރާންކަމެއް ލިބިގެންދިޔައެވެ.

އިސްރާއީލުން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ، އެމެރިކާއިން ޤަރާރު ވީޓޯ ކުރާނެކަމަށް އިސްރާއީލުން އުއްމީދުކުރިކަމަށެވެ.

"އަހަރެމެންނަށް ޝައްކެއް ނެތް، އެމެރިކާގެ ސަރުކާރާ ދެން ޙަވާލުވާ ފަރާތުންނާއި އދ. ގެ ރިޔާސަތަށް ދެން ވަޑައިގެންނަވާ ބޭފުޅަކު އިސްރާއީލާއެކު އޮތް ގުޅުން އެހެން ހަރުފަތަކަށް ގެންދަވާނޭކަން" ސަލާމަތީ މަޖިލީހުގައި ނެގި ވޯޓަށްފަހު އިސްރާއީލުގެ ސަފީރު ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14575389362573.jpg|އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑޮނާލްޑް ޓްރަމްޕް

އ.ދ ގެ ޤަރާރަށް ދެކޮޅު ހެއްދެވި އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު އޭނާ ރައީސްކަމާ ޙަވާލުވެވަޑައިގަތުމުން، އދ. ގައި ކަންކަން ހިނގަމުންދާ ގޮތް ބަދަލުވާނޭކަމަށެވެ. ޓްރަމްޕަކީ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ އިސްރާއީލަށް ކަނޑައަޅުއްވާ އައު ސަފީރަކަށް އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅަކު ޢައްޔަންކުރައްވަން ނިންމާފައެވެ. އަދި އިސްރާއީކުގެ ޓެލްއެވީވްގައި ހުރި އެމެރިކާގެ އެމްބަސީ، ހިފާފައިވާ ޤުދުސަށް ބަދަލުކުރައްވާނޭކަމަށް ވިދާޅުވެފައެވެ. އަދި އދ. އިން ފާސްކުރި ޤަރާރަށް ޓްރަމްޕްގެ ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދެއްވާނޭކަމަށްވެސް ގިނަ ފަރާތްތަކަކުން ދެކެއެވެ.

އަރަބި މަސްރަޙް ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނަނީ މިޤަރާރަކީވެސް އދ.ން މީގެކުރިން ފާސްކުރި ޤަރާރުތަކާ އެއްގޮތަށް އިސްރާއީލުން ފާޅުގައި ދެކޮޅު ހަދައި، އަމަލުނުކުރާނޭ ޤަރާރެއްކަމަށެވެ. އދ.ގެ ޗާޓަރުގައިވާ ގޮތުން ސަލާމަތީ މަޖިލީހުން ނިންމަވާ ހުރިހާ ނިންމެވުންތަކަކަށް މެމްބަރު ހުރިހާ ޤައުމަކުން އިޙްތިރާމްކޮށް، އެއާ އެއްގޮތަށް ޢަމަލުކުރަންޖެހެއެވެ. އެހެން ނޫންނަމަ އެޤައުމަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު އދ. އަށް ލިބިގެންވެއެވެ.

ހިފާފައިވާ ބިންތަކުގައި ގެދޮރު އެޅުން ބައިނަލްޢަޤްވާމީ މުޖްތަމަޢުއިން ބަލައިނުގަންނަކަން، މިޤަރާރުގެ ސަބަބުން ހާމަވެ، ފަލަސްތީނުގެ މިނިވަން ދަޢުލަތެއް ޤާއިމްކުރުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނޭކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.