ޚަބަރު

ރެހެންދި އެވޯޑް ދެއްވާ ކެޓެގަރީތައް އިތުރުކުރައްވައިފި


ތިންވަނަ ރެހެންދި އެވޯޑް ދެއްވާއިރު އައު ކެޓަގަރީތަކެއް ހިމަނުއްވަން ސަރުކާރުން ހަމަޖައްސަވައިފިއެވެ. ތިންވަނަ ރެހެންދި އެވޯޑް ދެއްވާނީ އަންނަ 2017 ވަނަ އަހަރުގެ އަންހެނުންގެ ދުވަހުއެވެ. މި އެވަރޑަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުއްވާލައްވާފައެވެ.

ސަރުކާރުން ކޮންމެ އަހަރަކު ރެހެންދި އެވޯޑް ނަމުގައި އަންހެނުން ބޭފުޅުންނަށް ޚާއްޞަ އެވަރޑެއް ދެއްވުގެ ބޭނުންތަކުގެ ތެރޭގައި އަންހެނުން ޤައުމީ ޚިދުމަތަށް ނިކުތުމަށް ބާރުއެޅުއްވުމާއި މުޖުތަމަޢަށް ފައިދާހުރި ޚިދުމަތްކުރާ އަންހެނުންގެ އަގުވަޒަންކުރެއްވުން ހިމެނެއެވެ. އަދި ޤައުމީ ތަރައްޤީގައި ޙިއްޞާކުރާ ޚިދުމަތްތައް ކުރަމުން އަންނަ އަންހެނުންނަށް ހިތްވަރުދެއްވުމާއި، ޖަމާޢަތަށް ފައިދާހުރި މަސައްކަތްކުރާ އަންހެނުންނަށް ޝަރަފާއި ޢިއްޒަތް ދެއްވުމަކީވެސް ރެހެންދި އެވޯޑް ދެއްވުމުގެ މުހިންމު ބޭނުމެކެވެ. އަދި ޤައުމީ ޚިދުމަތުގައި އެހެން މީހުން ނަމޫނާއަކަށް ބަލައި އެކަމުން ހިތްވަރުލިބޭފަދަ މަސައްކަތްކުރާ އަންހެނުން ފާހަގަކުރެއްވުމާއި އަދި އަންހެނުންގެ ޝަޚްސީ ކުރިއެރުމަށް ހިތްވަރުދެއްވުމަކީވެސް މި އެވޯޑް ދެއްވުމުގެ މުހިންމު އަމާޒެކެވެ.  

"ރެހެންދި' ގެނަމުގެ ނަމުގައި ސަރުކާރުން އަންހެނުންނަށް ޚާއްޞަ އެވޯޑެއް ދެއްވަން ކަނޑައެޅުއްވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. މިނިންމެވުން ތަންފީޒްކުރެއްވުމުގެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މިއެވޯޑް ސަރުކާރުން އަންނަނީ ދެއްވަމުންނެވެ. މިހާތަނަށް 14 އަންހެން ކަބަލަކަށް މި އެވޯޑް ލިބިވަޑައިގެންފައިވެއެވެ.

މި އިނާމް ދެއްވަމުން ގެންދެވިނަމަވެސް ކުރިން ވަކި ކެޓެގަރީތަކެއް ކަނޑައްޅުއްވާފައެއް ނުވެއެވެ. އެހެންނަމަވެސް މިއަހަރު މިކަމަށް ވަކި ޚާއްޞަ ކެޓެގަރީތައް ކަނޑައަޅުއްވާފައިވާކަމަށް، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ.

މިއަންނަ އަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ހުޅުއްވާލައްވާފައެވެ. މި އިނާމަށް ތިން ގޮތަކަށް ހުށައެޅުމުގެ ފުރުޞަތު އޮވެއެވެ. އެއްގޮތަކީ އިނާމް ޙައްޤުވާނެކަމަށް ބެލެވޭ މީހާ އަމިއްލަށް މިކަމަށް އެދި ހުށައެޅުމާއި، އެވޯރޑް ލިބުމުން ޙައްޤުވާކަމަށް ޤަބޫލުކުރެވޭ މީހެއްގެ ނަން އެހެން މީހަކު ހުށައެޅުމާއި އަދި އެވަރޑް ލިބުން ޙައްޤުކަމަށް ޤަބޫލުކުރެވޭ މީހެއްގެ ނަން މުއައްސަސާއެއްގެ ނުވަތަ ޤާނޫނީ އެހެން އިދާރާއަކުން ހުށަހެޅުމެވެ.

ޖެންޑަރ މިނިސްޓަރ ވިދާޅުވީ، ރާއްޖެއަކީ، މަސައްކަތްތެރި އަންހެނުން ގިނަ ޤައުމަކަށްވީއިރު މި ފުރުޞަތުގެ ބޭނުން ހިފައި، ކަނބަލުންގެ އަގު ވަޒަންކުރުމަށް ހުރިހާ ފަރާތަކުންވެސް މަސައްކަތްކުރުން މުހިންމުކަމަށެވެ.

2017 ވަނަ އަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު، އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި އެވޯޑާ ގުޅޭ އިތުރު މައުލޫމާތު ހިމެނޭ އެޕްލިކޭޝަން ފޯމު ޖެންޑަރ މިނިސްޓްރީން މިހާރު ގެންދަވަނީ ދޫ ކުރައްވަމުންނެވެ.